ޚަބަރު

ޔޫރަޕަށް ދަތުރުކުރާއިރު ޕާސްޕޯޓަށް ސަމާލުވޭ - އެމްބެސެޑަރ ޝިއާން


ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރުމުގައި މިހާރަށްވުރެ ބޮޑަށް ޕާސްޕޯޓަށް ސަމާލުވުމަށް ވިލާތުގެ އިއްތިހާދަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ޝިއާން އިލްތިމާސް ކުރައްވައިފިއެވެ. އެމްބެސެޑަރ މިގޮތަށް އިލްތިމާސް ކުރެއްވީ ޕީޢެސްއެމްއިން އަލަށް ފެށި "ޚާރިޖީ ސިޔާސަތު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.



ޚާރިޖީ ސިޔާސަތާއި ސިޔާސަތު ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތަކާއި ގުޅޭ ގޮތުން ޕީޢެސްއެމްއިން ގެނެސްދިން "ޚާރިޖީ ސިޔާސަތު" ޕްރޮގްރާމްގައި، ބެލްޖިއަމްގެ ބްރަސަލްސްގައި ހުންނަވާ ސްކައިޕް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން އެމްބެސެޑަރ ޢަހްމަދު ޝިއާން ވިދާޅުވީ ކޮންމެ އަހަރަކުވެސް އައިޓީބީ ފެއަރ އަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާކަމަށާއި މިއަހަރުވެސް 350 ހެއްހާ ދިވެހިން އައިޓީބީ ފެއާއަރ އަށް ދަތުރުކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. ޝިޔާން ވިދާޅުވީ ޕާސްޕޯޓް ގެއްލުމުގެ މައްސަލަތަށް ކޮންމެވެސް ވަރަކަށް ފާއިތުވި އަހަރުތަކުގައިވެސް ރިޕޯޓްކޮށްފަވާތީ އެކަމަށް ސަމާލުވުން މުހިއްމު ކަމަށެވެ.

ޔޫރަޕްގެ އިއްތިހާދާއި ރާއްޖެއާއި ދެމެދުގަ އޮތް ގުޅުން ހީނަރުވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ޝިޔާން ވިދާޅުވީ ޔޫރަޕްގެ ޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަށް އެއްވެސް ބުރުލެއް ނާރާކަމަށާއި މިހާރުވެސް ގިނަ ދާއިރާތަކުން ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޔޫރަޕްގެ އެއްވެސް ޤައުމަކުން ރާއްޖެ ދަތުރުނުކުރުމަށް ޓްރެވަލް އެޑްވައިޒަރީ ނުނެރޭކަމަށާއި އިރުޝާދު ދީފައިވަނީ ރާއްޖެ ދަތުރުކުރާއިރު ސަމާލުވުމަށްކަމަށެވެ. އަދި އެގޮތަށް ސަމާލުވުމަށް އެންގުމަކީ އާއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ޔޫރަޕްގެ އެއްވެސް ޤައުމަކުން ރާއްޖެއަށް ދަތުރުނުރާން އަންގާ ޓްރެވަލް އެޑްވައިޒަރީއެއް ނުނެރޭ. ޤައުމުތަކުން އެންގީ ރާއްޖެއަށް ދަތުރުކުރާއިރު މުޒާހާރާ ކުރާތަންތަނަށް ނުދިއުމަށާއި އެފަދަ ކަންކަމަށް ސަމާލުވާން. އަޅުގަނޑުމެން ރާއްޖެއިންވެސް ބުނާނީ މިސާލަކަށް ލަންޑަނަށް ދަތުރުކުރާނަމަށް އެފަދަ ކަމެއް އުޅޭނަމަ ސަމާލުވާށޭ" އެމްބެސެޑަރ ޝިއާން ވިދާޅުވިއެވެ.



ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ މިހާރުގެ ޙާލަތާގުޅޭ ގޮތުން އޮޅުން އަރާގޮތަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދިޔަނަމަވެސް ދޭދޭ ޤައުމުތަކުގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަން ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިކަމަށާއި ރާއްޖޭގެ އިޤްތިސާދަށްވެސް އެކަމުގެ އަސަރެއް ނުކުރާކަމަށް ވިދާޅުވިއެވެ.