ޚަބަރު

ކޮންސިއުލަރ ޚިދުމަތް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް


ކޮންސިއުލަރ ޚިދުމަތް ހަރުދަނާކުރުމުގެ މަސައްކަތަކީ މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއްކަމަށް ފޮރިން މިނިސްޓަރ ޑރ މުޙައްމަދު ޢާޞިމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް އިން އަލަށް ފެށީ ޚާރިޖީ ސިޔާސަތު ޕްރޮގްރާމްގައި ވާހާކަ ދައްކަވަމުންނެވެ. 

މި ސަރުކާރަކީ، ފުރަތަމަ ފަހަރަށް، ލިޔެވި ފެންނަން އޮތް ޚާރިޖީ ސިޔާސަތެއް ތަންފީޒުކުރަންފެށި ސަރުކާރުކަން ފާހަގަކުރައްވާ ފޮރިން މިނިސްޓަރ ޑރ މުޙައްމަދު އާސިމް ވިދަޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކޮށްފައިވަނީ އަމާޒުތަކެއްގެ މައްޗަށްކަމަށެވެ. އަދި މި އަމާޒުތައް ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި، އެ ގޮތުން އެއްމެ އިސްކަން ދެއްވައިގެން ކުރަމުންގެންދާ އެއް މަސައްކަތަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ އަދި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށް ފޯރުކޮށްދޭ ކޮންސިޔުލަރ ޙިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. 

އަދި ކޮންސިއުލަރ ޚިދުމަތް ފޯރުކޮށް ދިނުމުގައި ދިވެހިންގެ އާބާދީ ބޮޑު ޤައުމުތަކުގައި ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ލަންކާގައި ޤާއިމްކޮށްފައިވާ ކަލްޗަރަލް ސެންޓަރުން ދެމުންދާ ޚިދުމަތްތަކާއި މެލޭޝިޔާގައި ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަލްޗަރަލް ސެންޓަރުގެ މަސައްކަތް ހިމެނެއެވެ. 

" ކޮންސިއުލަރ ޚިދުމަތަކީ މިސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ފޯރުކޮށް ދެމުންދާ މުހިއްމު ޚިދުމަތްތަކެއް. ސްރީލަންކާގައި މިހާރު މިވަނީ މޯލްޑިވްސް ކަލްޗަރަލް ސެންޓަރެއް ޤާއިމްކުރެވިފަ. މީގެ ބޭނުމަކީ އެތާނގަ ދިރިއުޅޭ ދިވެހި އާބާދީ ބޭނުންވާ ކަންކަން ފޯރުކޯށްދިނުން. މީގެ ބޭނުމަކީ ހަމައެކަކި އެތާނގަ ދިރިއުޅޭ ދަރިވަރުންނަށް ދިވެހި އިސްލާމް ކިޔަވައި ދިނުމެއް ނޫން. އޭގެ އިތުރުން ކުޅިވަރުގެ ހަރަކާތްތަކާއި އެހެނިން ކަންކަން ވެސް ހިމެނޭ" ފޮރިން މިނިސްޓަރ ޑރ. އާސިމް ވިދާޅުވިއެވެ.



ޚާރިޖީ ސިޔާސަތު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އާސިމް ވިދާޅުވީ ދޭދޭ ޤައުމުތަކާއެކު އޮންނަ ބައިލެޓްރަލް ގުޅުންތަކަކީ ވަކި ސަރުކާރަކަށް ޚާއްޞަކޮށްފައި އޮންނަ ގުޅުންތަކެއް ނޫންކަމަށެވެ. އަދި ހުރިހާ ސަރުކާރަކުންވެސް އެ ގުޅުންތަށް ދެމެހެއްޓުމަށް މަސައްކަތް ކުރާނެކަމަށެވެ. ނަމަވެސް މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަމަކީ އިޤްތިޞާދީ ތަރައްޤީކަމަށްވާތީ، ތަރައްޤީގެ ބައިވެރިންނާއެކު އިތުރު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މިހާރުގެ ހާލަތު ބޭރު ދުނިޔެއަށް އަންގައިދިނުމަށް ގިނަ މަސައްކަތްތަކެއް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ޤާއިމުކޮށްފައިވާ އެމްބަސީތަކާއި އޮފީސްތަކުން ކުރަމުންދާ ކަމަށާއި އެކަމުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރީތިނަމާއި ކަރާމާތް ބައިނަލްއަޤުވާމީ މައިދާނުގައި ކިލަނބުކޮށްލުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރިޔަސް ދޭދޭ ޤައުމުތަކާމެދު އޮތް ގުޅުމަށް ބުރުލެއްނާރާކަމަށެވެ.