ކުޅިވަރު

މޮޅު ކުޅުމަކަށްވުރެ، މިވަގުތަށް މުޙިއްމީ ނަތީޖާ - ސުޒޭން


މިވަގުތަށް މޮޅު ކުޅުމެއް ދެއްކުމަށްވުރެ މުހިންމީ ނަތީޖާ ނެރުންކަމަށް ކުލަބު ގްރީން ސްޓްރީޓްސް ކޯޗު އަލީ ސުޒޭން ބުނެފިއެވެ. 

ލީގުގައި މިއަދު ހަވީރު ޓީސީއާއި ދެކޮޅަށް ކުޅޭ މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު އަލީ ސުޒޭން ބުނީ ފުރަތަމަ މެޗުގައި ޗެމްޕިއަން މާޒިޔާ އަތުން ލިބުނު ޕޮއިންޓަކީ ސީޒަން ފެށުމަށް ރަނގަޅު ނަތީޖާއެއްކަމަށެވެ. އެ މެޗުގައި ޓީމަށް މާ މޮޅު ކުޅުމެއް ނުދެއްކުނަސް މާބޮޑަށް ހާސް ނުވާކަމަށާއި، މިވަގުތަށް މުހިންމީ ނަތީޖާކަމަށެވެ. އޭނާ ބުނީ ޓީސީ މެޗުގައިވެސް ރަނގަޅު ނަތީޖާއެއް ނެރެވޭވަރަށް ޓީމް އޮތީ ތައްޔާރުކުރެވިފައިކަމަށެވެ. ސުޒޭން ބުނީ ގްރީން ކަހަލަ ޓީމަކަށް މި ލެވެލްގައި ވާދަކުރުމުގައި އުނދަގޫތަކެއް ހުއްޓަސް މުޅި މެނޭޖްމަންޓާއި ކުޅުންތެރިންތިބީ ދޫދޭގޮތަކަށް ނޫންކަމަށެވެ.

ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ ފުރަތަމަ މެޗުން ބަލިވިކަމުގައިވިޔަސް ކުޅުން ރަނގަޅުކަމަށާއި، ފުރަތަމަ މެޗުން ބަލިވިޔަސް މާޔޫސްވާވަރު ނުވާކަމަށެވެ. ކުޅުންތެރިންގެ ފިޓްނަސްއަކީ މިވަގުތަށް ބަލާއިރު އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށާއި، ފުރަތަމަ މެޗުގައިވެސް ދިހަ ކުޅުންތެރިންނާއިއެކު ހުރިހާ ކުޅުންތެރިން ދެއްކި ކުޅުން ފާހަގަކުރާކަމަށް ނިޒާމް ބުންޏެވެ. ނިޒާމް ބުނީ ލީގުގެ ހުރިހާ ޓީމެއްވެސް ހަމަހަމަކަމަށާއި، ފަސޭހަކޮށްލެވޭވަރުގެ އެއްވެސް ޓީމެއް ނެތްކަމަށެވެ.

ޓީސީއާއި ކްލަބް ގްރީން ސްޓްރީޓް ވާދަކުރާ މެޗު ކުޅޭނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ.