މުނިފޫހިފިލުވުން

ގާލާ ރައުންޑަށް ދަތުރުކުރާ ފުރަތަމަ 6 ބައިވެރިން މާދަމާރޭ އެނގޭނެ


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 12 އިން ޖާގަ ކަށަވަރުކުރާ ފުރަތަމަ 6 ބައިވެރިން ކަނޑައެޅުމަށް، އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ބެލުންތެރިންނަށް ހުޅުވާލައިފިއެވެ. 

ހިތްގައިމު ހުށައެޅުންތަކަކާއެކު ޕިއާނޯ ރައުންޑުގެ ފުރަތަމަ ޝޯވ ދައްކާފައިވާއިރު، ގަދަ 16 ބައިވެރިންގެ ތެރެއިން މިރޭގެ ޝޯވގައި ލަވަ ހުށައަޅާދީފައިވަނީ 8 ބައިވެރިންނެވެ. މީގެ ތެރޭގައި ގޯލްޑަން މައިކާއެކު ޕިއާނޯ ރައުންޑަށް ދަތުރުކުރި ރައިޙާން ޢާދަމްވެސް ހިމެނެއެވެ. މި 8 ބައިވެރިންގެ ހުށައެޅުންތަކާމެދުވެސް ޝޯވގެ 4 ޖަޖުން ޖުމްލަގޮތެއްގައި ހިންހަމަޖެހޭކަން ފާހަގަކޮށްފައިވާއިރު، ފަހަރަކަށްވުރެ ފަހަރެއް ބައިވެރިންގެ ކިބައިންވެސް ކުރިއެރުންތަކެއް ފެންނަމުންދާކަން ޖަޖުންކޮށްފައިވާ ކޮމެންޓުތަކުން ހާމަވެއެވެ.

fb:https://twitter.com/Maldivian_Idol/status/969627677463216129

ޕިއާނޯ ރައުންޑުގެ ފުރަތަމަ ޝޯވގައި ވާދަކުރި 8 ބައިވެރިންނަކީ:

- ރައިޙާން ޢާދަމް

- ޝާން ޝަރީފް

- މަރިޔަމް މައީޝާ

- ޢަބްދުﷲ މުނާޒް

- ޢަބްދުﷲ މުރުޝިދު

- ނިސްފާ މުޞްތަފާ

- އަޙްމަދު އިޝާމް

- އައިޝަތު އަޒަލް ޢަލީ ޒާހިރު

މިރޭގެ ޝޯވގައި ޕަރފޯމްކުރި 8 ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މާދަމާ ހަވީރު 4 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ވޯޓުލުމަށްޓަކާ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 އަކަށް އެސް.އެމް.އެސް ކުރެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖުކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ. 

ޕިއާނޯ ރައުންޑާއެކު މި ޝޯވގެ ވާދަވެރިކަމާއި ފޯރި އިތުރަށް ގަދަވެފައިވާއިރު، އައިޑަލްގެ ކުރިއަށްހުރި ޝޯވތަކަށް ދަތުރުކުރާނެ ބައިވެރިން ކަނޑައަޅާނީ ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން، އެންމެ މަތިން މާކްސް ލިބޭ ބައިވެރިންނެވެ. ޕިއާނޯ ރައުންޑުގެ މިރޭގެ ޝޯވގައި ލަވަ ހުށައަޅައިދިން 8 ބައިވެރިންގެ ތެރެއިން ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރާ ބައިވެރިން އިޢުލާން ކުރުން އޮންނާނީ މާދަމާ ރޭ ބާއްވާ އެލިމިނޭޝަން ނައިޓުގައެވެ. 

މާދަމާ ރޭގެ އެލިމިނޭޝަން ނައިޓާއެކު މިފަހަރުގެ ސީޒަންގެ ގަދަ 12 އިން ޖާގަ ކަށަވަރުކުރާ ފުރަތަމަ 6 ބައިވެރިން ޔަޤީންވެގެންދާއިރު، 2 ބައިވެރިއަކު މި ޝޯވއާއި ވަކިވެގެންދާނެއެވެ.