ޚަބަރު

ނޫސްވެރިންނަށް ކުރާ ފުރައްސާރަ ހުއްޓާލުމަށް ޕީޕީއެމުން ގޮވާލައިފި


މިނިވަން ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ފުރައްސާރަތައް ހުއްޓާލާ، މިނިވަން ނޫސްވެރިކަމަށް ޖާގަދިނުމަށް ވެރިކަންކުރާ ޕާޓީ ޕީޕީއެމުން އިދިކޮޅު ފަރާތްތަކަށް ގޮވާލައިފިއެވެ.

ޕީޕީއެމުން މިހެން ގޮވާލާފައިވަނީ އިދިކޮޅު ފަރާތްތަކުން މަޖީދީމަގު އެއްކޮށް ފުރާލުމަށްކަމަށްބުނެ ބާއްވަން މަސައްކަތްކުރި މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވި، ޗެނަލް ތޭރައިގެ ނޫސްވެރިޔާއަށް އިދިކޮޅު ފަރާތްތަކުން ކުރިމަތިކުރި ފުރައްސާރަތަކާއި ގުޅިގެންނެވެ. ޕީޕީއެމުން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ ޙާލަތު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައި މިނިވަން ނޫސްވެރިކަމުގެ ދާއިރާ މުހިންމު ދައުރެއް އަދާކުރާކަމަށެވެ. އަދި ނޫސްވެރިންނަކީ މިނިވަންކަމާއެކު ހަރަކާތްތެރިވާ ބަޔަކަށްވުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކުންވެސް ދޭންޖެހޭނެކަމަށް އެ ޕާޓީން ޤަބޫލުކުރާކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

އެއްވުން މަނާ ސަރަޙައްދަކަށް އެއްވެ އިދިކޮޅު ފަރާތްތަކަށް ތާޢީދުކުރާ މަދުބަޔަކު ބައިވެރިވި މުޒާހަރާގައި، ރައްޔިތުންނާހަމައަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ޗެނަލް ތޭރައިގެ ނޫސްވެރިޔަކު މަސައްކަތްކުރަމުން ދަނިކޮށް، އެ އެއްވުމުގެ ތެރޭގައި ހިމެނޭބަޔަކުވަނީ ހުތުރު އަދި ބޭއަދަބީ ބަސްތަކުން އެ ނޫސްވެރިއާއާ މުޚާތަބުކޮށް ފުރައްސާރަކޮށްފައެވެ. ޕީޕީއެމުންވަނީ އިދިކޮޅު ފަރާތްތަކުން ހިންގާފައިވާ މި ހަޑިހުތުރު ޢަމަލު ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.

މިކަން ކުއްވެރިކޮށް ސޯޝަލް މީޑިއާގައިވެސް ބައެއް ފަރާތްތަކުން ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. އެގޮތުން ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނުވެސް ވަނީ މިކަން ކުއްވެރިކުރައްވާފައެވެ.

ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ސިޔާސީ ގޮތުން އާންމު ފަރުދުންގެ ޙިޔާލު ތަފާތުވި ނަމަވެސް، މިނިވަން ނޫސްވެރިކަމަކީ ފުރައްސާރަކޮށް ހުރަސް އަޅަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.