ސިޔާސީ

އިންތިޚާބުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުގެ ނެތް - ޖަމީލް


ރިޔާސީ އިންތިޚާބުގައި ބައިވެރިވުމުގެ ވިސްނުން އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭކަމަށާއި، އެމީހުން ބޭނުންވަނީ އެއްގޮތުން ނުވިއްޔާ އަނެއްގޮތުންވެސް ބަޣާވާތަކުން ވެރިކަން ވައްޓާލުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ. 

ޕީ.އެސް.އެމްގެ "އެންމެ ފުރަތަމަ ޤައުމު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ، ޤާނޫނު އަސާސީގެ ދިފާޢުގައިކަމަށްބުނެ އިދިކޮޅު ފަރާތްތައް ތަމްސީލްކުރަމުންދާ ލީޑަރުންނަކީ ރައްޔިތުންގެ އިތުބާރު ގެއްލި ހުރިހާ ގޮތަކުންވެސް ފެއިލްވެފައިތިބި ބައެއްކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމުން ދުރުކޮށް، ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ސަރުކާރުގެ ތެރެއިންނާއި، ބޭރުން އިދިކޮޅު ފަރާތްތައް ކުރި ހުރިހާ މަސައްކަތެއްވެސް މިއަދު ފެއިލްވެފައިވާކަމަށެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް އިޝާރަތްކުރައްވަމުން ޖަމީލް އުސްމާން ވިދާޅުވީ، ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެކަމާމެދު އެއްވެސް ސުވާލެއް ނުއުފެދޭކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުގެ ޢަމަލުތައް މިހާރު ހުރިގޮތުން، ރިޔާސީ އިންތިޚާބުގައި ބައިވެރިވުމުގެ ވިސްނުން އެމީހުންގެ ނެތްކަން ވަރަށް ބޮޑަށް ހާމަވެގެންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމީހުން ބޭނުންވަނީ އެއްގޮތުން ނުވިއްޔާ އަނެއްގޮތުންވެސް ބަޣާވާތެއްކޮށްގެން ސަރުކާރު ވައްޓާލުން ކަމަށާއި، ނަމަވެސް އިދިކޮޅު ފަރާތްތަކުން ޖަހާ މަޅިއެއްގައި މި ސަރުކާރު ނުބެދޭނަކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ.

"އެބޭފުޅުން އުއްމީދެއް ނުކުރޭ އިންތިޙާބެއް ބާއްވަންވެސް. އެބޭފުޅުން އަދިވެސް ހަމަ އުއްމީދުކުރަމުން މިއަންނަނީ ރާއްޖޭގެ ވެރިކަން ވައްޓާލުމުގެ މަސައްކަތް ކުރުމަށް. އެކަމު އެއީކީ ވާނެކަމެއް ނޫން. ސަބަބަކީ މިރާއްޖޭގެ ރައްޔިތުންނެއް އުފުރުޞަތެއް ނުދޭނެ. ރާއްޖޭގެ ފުލުހުންނާއި ސިފައިން އެފުރުޞަތެއް ނުދޭނެ. ރާއްޖޭގެ މިނިވަންކަމާއި، އިޤްތިޞާދު ހަލާކުކޮށް، ފުޑުފުޑުކޮށްލުމުގެ ފުރުޞަތެއް ނުދޭނެ. އަޅުގަނޑުމެންނަށް މިހާރުވެސް ފެނިގެން އެބަދޭ ރާއްޖެއަށް ބޭރުގެ ނުފޫޒުތައް ވެއްދުމަށްޓަކާ އެބޭފުޅުން ކުރަމުންދާ މަސައްކަތް. އެބޭފުޅުންގެ ވެރިކަމެއްގައި މި ރާއްޖެ އޮންނާނެގޮތް މިހާރު ދިވެހި ކޮންމެ ރައްޔިތަކަށްމެ އެނގޭނެ. އެހެންވީމަ އެފުރުޞަތެއް އެއްވެސް ފަރާތަކުން ނުދޭނެ" ޖަމީލް އުސްމާނު ވިދާޅުވިއެވެ. 

ޖަމީލް އުސްމާން ވިދާޅުވީ، ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރާ އަދި ރައްޔިތުންގެ ފުރިހަމަ ތާޢީދު ލިބިފައިވާކަމަށް ބުނާ ބަޔަކު، ޤައުމުގެ ސުލްހަ މަސަލަސްކަން ނަގާލައި، ހަމަނުޖެހުން ހިންގުމަށް މަގުފައިވާފަދަ ޢަމަލުތަކެއް ރެއާ ދުވާލު ނުހިންގާނެކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ކިބައިގައި ކިރިޔާވެސް އިޚްލާސްތެރިކަމެއް ހުރިނަމަ، މަޝްވަރާގެ ރިވެތި އުސޫލް އިޙްތިޔާރުކޮށް، ސަރުކާރުން ހުށައަޅާފައިވާ އޯލް-ޕާޓީ ޓޯކްސްއަށް ވަޑައިނުގަނެވިގެން އުޅެނީ ކީއްވެތޯކަމާމެދު ޖަމީލް އުސްމާނު ވަނީ ސުވާލު އުފައްދަވާފައެވެ.

"ރައީސް ޔާމީން އަދި ސަރުކާރުންވެސް ގޮވާލަނީ މިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށްޓަކާ، ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިއުނދަގޫ ތަކުލީފުތައް ފިލުވާލުމަށްޓަކާ އަދި ރާއްޖޭ އިތުރަށް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކާ އަދި ސިޔާސީ ގޮތުން އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކާ މަޝްވަރާއަށް ވަޑައިގަތުމަށް. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ކިބައިން އަޅުގަނޑުމެންނަށް މާޒީގައިވެސް އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔައީ ބޮޑެތި ޝަރުތުތައް މި ހުށައަޅަނީ. މަޝްވަރާއަށް އައުމުގެ ކުރިން އެބޭފުޅުން ކަންތައްތަކެއް އެބަ ނިންމަވާ. ނިންމަވާފައި، އެކަން ތަންފީޒުކުރުމަށްޓަކާ އެބޭފުޅުން ބޭނުންވަނީ. އެހެންވީމަ މަޝްވަރާ ކުރަން ކަމަށްވަންޏާ މަޝްވަރާގެ މޭޒަށް އަންނަންވާނީ މަޝްވަރާކުރާނެ މައިގަނޑު ކަންތައްތަކެއް ހިފައިގެން، އަައިސް މަޝްވަރާގެ ތެރެއިން އެކަންކަމަށް ހައްލު ހޯދަންޖެހޭނީ" ޖަމީލް އުސްމާނު ވިދާޅުވިއެވެ. 

ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ސަރުކާރުން ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގައި ތަޅުއަޅުވައި، އެކަންކަން ހުއްޓުވާ، ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން ގެނެއުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމަށް އިދިކޮޅު ފަރާތްތަކުން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، އެކަންކަމެއް ހާސިލްނުވާނެކަމަށެވެ.