ޚަބަރު

ކަނޑު ބޯޓު މައްސަލައިގައި ޖަޕާނު ސަފީރާއެކު މަޝްވަރާކޮށްފި


ދިވެހި ދިދަ ބޭނުންކޮށްގެން ބޭރުގެ އުޅަނދަކުން ހިންގިކަމަށް ބުނާ ޤާނޫނާ ޙިލާފު ޢަމަލާ ގުޅޭގޮތުން ދިވެހި ޚާރިޖިއްޔާއިން ޖަޕާނު ސަފީރާއެކު މަޝްވަރާ ކޮށްފިއެވެ.

ބޭރުގެ ކަނޑު އުޅަނދަކުން ދިވެހި ދިދަ ބޭނުންކުރި މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވީ، ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓްރަލް އަހުމަދު ޚަލީލްއާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒޫމީ އެންދޯ މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި ބޯޓުގެ މައްސަލައި ގައި ޖަޕާނުން ކުރިއަށްގެންދާ ތަހްޤީޤަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ސަރުކާރުގެ ފަރާތުން، ޖަޕާނުގެ ސަފީރަށް ދެއްވިއެވެ.

ދިވެހި ދިދަ ޖަހާފައިވާ ބޯޓަކުން، އުތުރު ކޮރެޔާގެ ބޯޓަކަށް މުދާ ބޭލިކަމަށް ބުނެ ޖަޕާނުގެ ފޮރިން މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފައެވެ. ނަމަވެސް އެއީ ރާއްޖޭގައި އެއްވެސް އިރެއްގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއް ނޫންކަމަށް ދިވެހި ސަރުކާރުން ބުނެއެވެ. އަދި ޤާނޫނާ ޚިލާފަށް ދިވެހި ދިދަ ބޭނުންކޮށްގެން ޤާނޫނާ ޚިލާފު އަމަލެއް ހިންގާފައިވާތީ އެކަން ތަހްޤީޤްކޮށް، ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.