ޚަބަރު

މުޢައްސަސާތައް ފަސާދަކުރާކަށް ޖާގައެއް ނުދޭނެ- ޝައިނީ


ދައުލަތުގެ މުޢައްސަސާތައް ފަސާދަކޮށްގެން، ޤާނޫނީ ވެރިކަން ވައްޓާލުމަށް ދިވެހި ރައްޔިތުން ޖާގަ ނުދޭނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވާ އިސް މަންދޫބު، ޑރ. މުހައްމަދު ޝައިނީ މިހެން ވިދާޅުވީ ހޮންގކޮންގެ އޭޝިޔާ ޓައިމްސް ނޫހަށް އެމަނިކުފާނު ލިޔުއްވި އާރޓިކަލް އެއްގައެވެ.

އޭޝިޔާ ޓައިމްސްއަށް ލިޔުއްވި އާޓިކަލްގައި މިނިސްޓަރ ޝައިނީ ވަނީ ރާއްޖޭގައި ހިނގަމުންދާ ކަންކަމާއި މިހާރުގެ ޙާލަތު ވަރަށް ތަފްސީލްކޮށް ބަޔާންކޮށްދެއްވާފައެވެ. މިގޮތުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރަންޖެހުނީ ހުކުރުވިލޭރެއެއްގެ ދަންގަޑިއެއްގައި، އެއްވެސް ހަމައެއް ލަމައެއް ނެތި ސުޕްރީމް ކޯޓުން ނެރުނު ކުއްލި އަމުރަކާ ގުޅިގެން، ދައުލަތް ހިންގުމަށް ހުރަސްތަކެއް ކުރިމަތިވެގެންކަމަށް ވިދާޅުވިއެވެ.

އަދި ސިޔާސީ ބައެއް ފަރާތްތަކާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ވެގެން ބަޣާވާތެއް ގެނައުމުގެ މަޤްޞަދުގައި ފެބްރުއަރީމަހުގެ އެއްވަނަ ދުވަހުގެރޭ އަމުރުގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ކުރިމަތިވި ނުރައްކަލުން އަރައިގަތުމަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުން ނޫން ގޮތެއް ނެތްކަމަށްވެސް ޝައިނީ ވިދާޅުވިއެވެ. ނަމަވެސް ފެބްރުއަރީމަހުގެ 5 ވަނަ ދުވަހު އިޢުލާންކުރި ކުއްލި ނުރައްކަލުގެ ޙާލަތަކީ، ދިވެހި ރައްޔިތުންގެ ޢާއްމު ދިރިއުޅުމަށް އެއްވެސް އަސަރެއް ކުރާނެ ޙާލަތެއް ނޫންކަމަށްވެސް ޝައިނީ ވިދާޅުވިއެވެ. މިގޮތުން ޢާއްމު ދިރިއުޅުމުގެ ޙާލަތަށް އެއްވެސް ބަދަލެއް ނާންނަކަން ފާހަގަކުރައްވަމުން ޝައިނީ ވިދާޅުވީ، ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޤުތައް ހަނިކޮށްފައިވަނީ ޖުޑީޝަރީ ބޭނުންކޮށްގެން ބަޣާވާތެއް ގެންނަން މަސައްކަތްކުރިކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އެކަނިކަމަށެވެ.

img:http://s2.psmnews.mv/images/660x400/14605362259207.JPG|ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

ޝައިނީގެ އާޓިކަލްގައި މިދިޔަ މަހެއްހާ ދުވަހު ރާއްޖޭގެ ސިޔާސީ މަސްޜަހުގައި ހިނގަމުންދާ ކަންކަން މަޑުމަޑުން ހަމައަކަށް އެޅެމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހިފަހައްޓާފައިވާ މަޖިލީހާއި ކޯޓުތަކުގެ ބާރުވެސް އެފަރާތްތަކަށް އަނބުރާ ލިބިދީފައިވާކަމަށް ޝައިނީ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ވަރަށް އަވަހަށް އުވާލާނެކަމަށް ޔަޤީންކުރައްވާކަމަށްވެސް ޝައިނީ ވިދާޅުވިއެވެ. ނަމަވެސް އޭގެ ކުރިން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އެއްވެސް ނުރައްކަލެއް ނެތްކަން ސަރުކާރުން ޔަޤީންކުރައްވާނެކަމަށް ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރ ޝައިނީގެ އާޓިކަލްގައި ރާއްޖޭގައި މިދިޔަ މަހެއްހާ ދުވަހު ހިނގައިދިޔަ ކަންކަމުން އެނގިގެންދަނީ ފަސާދައިގެ ހަޑިމުޑުދާރު އަމަލުތަކުގެ ތެރެއިން ޤާނޫނީ ސަރުކާރެއް ވައްޓާލަން ދިވެހި ރައްޔިތުން ޖާގަނުދޭނެކަންކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ވެރިކަމަށް އާދެވޭނީ ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ވޯޓަކުންކަން ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިދިޔަ ދުވަސްތަކުގައި އެޅުއްވި ފިޔަވަޅުތަކަކީ، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ނޫންގޮތަކަށް ރާއްޖޭގެ ވެރިކަން ބަދަލުނުކުރެވޭނެކަން ޔަޤީންކޮށްދެއްވުމަށް އެޅުއްވި ފިޔަވަޅުތަކެއްކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.