ޚަބަރު

ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ 5 ކުންފުންޏަކަށް ދީފި


މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ހުއްދަ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއެކު އިތުރު 4 ކުންފުންޏަކަށްދީފިއެވެ.

މި ކުންފުނިތަކަށް ހުއްދަ ދިނުމުގައި ބަލާފައިވާނީ އެންމެ މަތިން މާކްސްލިބުނު ފަރާތްތަކަށް އިސްކަން ދީގެންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ރާއްޖެއިން މީހުން ޙައްޖަށް ގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމުން ޖުމްލަ 8 ގްރޫޕަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އޭގެ ތެރެއިން އެއް ކުންފުންޏެއްގެ ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަނުވުމުގެ ސަބަބަބުން އެ ކުންފުނީގެ ޕްރޮޕޯސަލް ބާތިލްކޮށްފައިވާކަމަށް އިސްލާމީކް މިނިސްޓްރީން ބުނެއެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުންގެންދިޔުމަށް ހުއްދަދީފައިވާ ކުންފުނިތަކަކީ:

1-މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

2-އަލްޙަރްމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

3-ސިސިލްފަރު ޙައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

4- ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް

5-ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުލްޣަފޫރު އަޙްމަދު ވިދާޅުވީ ޙައްޖު ކޯޕަރޭޝަން ނުލާ މިއިން ކޮންމެ ކުންފުންޏަކަށްވެސް 100 ޙައްޖު ކޯޓާ ދީފައިވާނެކަމަށެވެ. އަދި މި ކުންފުނިތަކުން ޙައްޖާޖީންނަށް ދޭ ޚިދުމަތްތައް ބަލާ މޮނިޓަރ ކުރަމުންދާނެކަމަށްވެސް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ. އަދި ކުންފުނިތަކުގެ ހަވާލުގައި ޙައްޖަށްދާ މީހުންގެ ހުރިހާ ޒިންމާއެއް އެމީހުން ރާއްޖެ އައުމާ ހަމައަށް އެ ކުންފުނިތަކުން ނަގަންޖެހޭނެކަމަށްވެސް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

"ކޮންމެ އަހަރަކުވެސް ހައްޖާޖީންގެ ކަންތައްތައް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ  ވަކި ކޮމިޓީއެއް މައްކާގައި ތިބޭނެ. އެބޭފުޅުން އެކަންތައްތައް ހިނގާގޮތްތައް ބައްލަވާނެ.އެއަށްފަހު އެކަންކަމާ ގުޅޭ ރިޕޯޓް ހުށައަޅާނެ.ކުންފުނިތަކުންވެސް ހައްޖާޖީންނަށް ޚިދުމަތްދިނުމއި އަމަލުކުރެއްވި ކަންތައްތަކުގެ ރިޕޯޓް ހުށައަޅަންޖެހޭނެ. " ޢަބްދުއް ޤަފޫރު ވިދާޅުވިއެވެ.

މިއަހަރު ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަދީފައިވާ ކުންފުނިތަކުގެ ތެރެއިން ހައްޖު ކޯޕަރޭޝަން ނޫން ކުންފުނިތަކަށް، ޙައްޖަށް ދިޔުމަށް 69،965 (ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަށް ފަސް ރުފިޔާ) ދައްކަންޖެހެއެވެ. އަދި ޙައްޖު ކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާގެ އަދަދު އެ ކޯޕަރޭޝަނުން ހާމަކޮށްފައެއް ނުވެެއެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހަވާލުގައި ހައްޖަށް ދާން ބޭނުންވާ މީހުން، ފައިސާ ދެއްކުމަށް އެ ކުންފުންޏެއްގެ އެކައުންޓަށް ފައިސާ ޖަމާކުރާގޮތަށް ހަމަޖައްސާފައިވާއިރު، ޙައްޖުވެރިންގެ އަތުން އިތުރަށް ފައިސާ ނެގޭނީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ލިބިގެންކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ސަރުކާރުން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް ޙައްޖާޖީންނާއި، ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުން އަމަލުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ސަޢޫދީ ސަރުކާރުން މިއަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ޙައްޖު ކޯޓާގެ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ. މިދިޔަ އަހަރު ސަޢޫދީ ސަރުކާރުން ރާޢްޖެއަށް ޖުމްލަ 1300 ކޯޓާ ދީފައިވެއެވެ. ރާއްޖެއިން މިދިޔަ އަހަރު މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަނާއެކު އަމިއްލަ ފަސް ޖަމާއަތަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ދީފައެވެ. ޙައްޖާއި އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ސަރުކާރުން ނުދޭ ބައެއް ގްރޫތަކުންވެސް މީހުން އަތުން ފައިސާ ނަގާކަމުގެ ޝަކުވާ ލިބެމުންދާކަމަށާއި އެކަމަށް އެންމެހާ ދިވެހިން ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.