ޚަބަރު

ޖުމުލަ 16 ފުޑްކޯޓެއްގެ ޚިދުމަތް އޭޕްރިލްމަހު ދޭން ފަށާނެ


މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ތަރައްޤީކުރަމުންދާ ފުޑްކޯޓްތަކުގެ ތެރެއިން 16 ފުޑްކޯޓުގެ ޚިދުމަށް އަންނަ އޭޕްރިލްމަހުގެ ތެރޭގައި ފަށާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ. 

ހައުސިންގ މިނިސްޓަަރ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ ހުޅުވަން ނިންމާފައިވަނީ އަމީނީ މަގާވީފަޅިއަށް ހުރި ފުޑްކޯޓްތައްކަމަށެވެ. ޢިއްޒުއްދީނުމަގާވީ ފަޅީގައިހުރި ދިހަ ފުޑްކޯޓްގެ މަސައްކަތް އަންނަ ރަމަޟާންމަހުގެ ކުރިން ނިންމައި ހުޅުވާނެކަމަށް މިނިސްޓަރ ޑރ.މުޢިއްޒުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. 

މާލޭ ހުޅަނގުދެކުނު ހާބަރު ސަރަޙައްދުގައި ޖުމްލަ 26 ފުޑްކޯޓް ތަރައްޤީކުރަމުންދެއެވެ. މިފުޑްކޯޓްތަކުގެ ހިންގުން ހަވާލުކޮށްފައިވަނީ އެސްޓީއޯއާއެވެ. ފުޑް ކޯޓްތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލުމުން 29 ފަރާތަކުން ފުޑްކޯޓް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރިކަމަށް އެސްޓީއޯއިން ބުނެފައިވެއެެވެ. 

ފުޑްކޯޓުތައް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ އަކަފޫޓެއް ފަންސާސް ތިން ރުފިޔާއަށެވެ. ފުޑްކޯޓްތަކުގައި ހިމެނެނީ ބާރަސަތޭކަ ފަސްދޮޅަށް އަކަފޫޓާއި، ނުވަސަތޭކަ ފަސްދޮޅަސް އަކަފޫޓާއި، ފަސްދޮޅަސް އަކަފޫޓުގެ ކެފޭތަކެކެެވެ. 

އެސްޓީއޯއިންވަނީ ފުޑްކޯޓް ސަރަޙައްދަކީ ދުންފަތުގެ އިސްތިޢުމާލްކުރުން މަނާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެ ކުންފުނިން ބުނެފައިވަނީ އެ ސަރަޙައްދަކީ ސިނގިރޭޓްބުއިން މަނާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެއީ ގިނަޢަދަދަކަށް އާއިލާތަކުން ޒިޔާރަތްކުރާ ސަރަހައްދަކަށް ވާނެތީއާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ސިއްޙީގޮތުން ބޮޑެތި ގެއްލުންތައް ކުރިމަތިމާ ކަމަކަށް ވުމުގެ ސަބަބުންކަމަށެވެ.

ފުޑް ކޯޓްތައް ޤާއިމުކުރުމުގެ މަސައްކަތަކީ 30 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެެ.