ކުޅިވަރު

ނޭމާ ބަލި އެނދަށް، ރެއާލް އަށް ބޮޑު ލުޔެއް


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އަންނަ ހަފުތާގައި ރެއާލް މެޑްރިޑާ ދެކޮޅަށް ޕީއެސްޖީގެ ބްރެޒިލް ފޯވަޑް ނޭމާ ސަންޓޯސް ނުކުޅެވޭނެކަން ކުޅުންތެރިޔާގެ ބައްޕަ ޔަޤީންކޮށްދީފިއެވެ.

ނޭމާ ސީނިއީ ބުނީ އޭނާގެ ދަރިފުޅުގެ ކަކޫ އޮޕަރޭޝަން ކުރަން ޖެހުނަސް ނުޖެހުނަސް އެނބުރި ކުޅުމުގެ ތެރެއަށް އަންނަން މަދުވެގެން ހަ ހަފުތާ ނަގާނެ ކަމަށެވެ.

ނޭމާގެ ބައްޕަ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނޭމާއަށް ކުޅެވޭނެ ކަމުގެ ހަނި ފުރުސަތެއް އޮތް ކަމަށް ޕީއެސްޖީން ބުނެފައިވަނިކޮށެވެ.

"ޕީއެސްޖީ އަށް އެނގޭނެ މި މެޗުގައި އަހަރެންގެ ދަރިފުޅަށް ނުކުޅެވޭނެކަން. އޭނާ އަށް ބޭނުންވޭ މަދުވެގެން ހަ ހަފުތާ. ފަހަރުގައި އަށް ހަފުތާ ވެސް ނަގާފާނެ،" މި ސީޒަނުގައި 30 މެޗުން 29 ގޯލު ޖަހާފައިވާ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ބައްޕަ ބުންޏެވެ.

ނޭމާ އަށް އަނިޔާވުމާއެކު އޭނާއަށް އަންނަ އަންގާރަ ދުވަހު ކުޅޭ މެޗުގައި ކުޅެވޭނެ ކަމުގެ ޔަޤީންކަން ނެތް ކަމަށް ފްރާންސްގެ މީޑިޔާތަކުން ވަނީ ބުނަން ފަށާފައެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުގެ ދަނޑުގައި ކުޅެގެން ޕީއެސްޖީ ބަލިވީ 3-1 ނެވެ. މިހެންވެ ޕީއެސްޖީއަށް ދެ ވަނަ ބުރަށް ދެވޭނީ މަދުވެގެން ދެ ގޯލުގެ ތަފާތުން ރެއާލް ބަލިކޮށްގެންނެވެ. ނަމަވެސް ބާސެލޯނާ ދޫކޮށް މި ސީޒަނުގައި ޕީއެސްޖީއާ ކުޅުނު ބްރެޒިލްގެ ފޯވަޑް ނެތުމަކީ ރެއާލްއަށް އޮތް ހިތްހަމަޖެހުމެއްނޫން ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ. ރެެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ އޭނާ އަކީ ކުޅުންތެރިން އިންޖަރީވެގެން މެޗު ނުކުޅެ ހުންނަ މަންޒަރު ބަލާހިތްވާ މީހެއްނޫން ކަމަށެވެ.

"އެއްވެސް ކުޅުންތެރިއަކި އަނިޔާގައި ހުރެ މެޗު ނުކުޅެވޭ ހާލަތުގައި ހުރުމަކީ އަހަރެން ބަލާހިތްވާ މަންޒަރެއްނޫން. އަހަރެން އެދެނީ ނޭމާ މި މެޗުގައި ކުޅެން. އޭނާ ފަދަ ކުޅުންތެރިން މި ފަދަ މެޗުގައި ކުޅުމަކީ ފުޓްބޯޅަ އަށް އަންނަ ކުރިއެރުމެއް. އޭނާއަށް ނުކުޅެވުމަކީ އަހަރުމެންނަށް ލިބޭ އުފަލެއްނޫން،" ޒިދާން ބުންޏެވެ.

އަންނަ ސީޒަނުގައި ރެއާލް މެޑްރިޑަށް ގެނަމަށް އެކުލަބުން ފާރަލަމުންދާ އެއް ކުޅުންތެރިއަކީވެސް ކުރިން ބާސެލޯނާއަށް ކުޅުނު ނޭމާއެވެ. ނަމަވެސް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ މިހާރުގެ ކޯޗު ވަނީ ކުޅުންތެރިޔާގެ ކަކުލުގެ އޮޕަރޭޝަން ކުރަންޖެހޭކަން ދޮގުކޮށް، މެޗުގައި ކުޅުމުގެ ފުރުސަތު އޮތްކަމަށް ކުރިން ބުނެފައެވެ.

"ވަރަށް ހަނި ފުރުސަތެއް އޮތީ. އަހަރުމެން އުއްމީދު ކުރަނީ އޭނާ ފިޓްވާނެ ކަމަށް. އެކަމަކު އެއީ އެހާ ފުރުސަތު ބޮޑު ކަމެއްނޫން،" ޕީއެސްޖީގެ ކޯޗު އުނާއީ އެމްރޭ ބުންޏެވެ.