ޚަބަރު

ހުޅުމާލޭ ބޮޑު ސްކޫލްގެ މަސައްކަތް ނިންމާ މި އަހަރު ހަވާލުކުރާނީ


ހުޅުމާލޭގައި އިމާރާތްކުރާ އެންމެ ބޮޑު ސްކޫލްގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިންމާ މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތްތައްކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން އެޗް.ޑީ.ސީން ބުނެފިއެވެ. 

އެޗްޑީސީން ބުނީ ހުޅުމާލޭގެ ނެއިބަރހޫޑް އެކެއްގައި އިމާރާތްކުރާ "އެން-ވަން" ސްކޫލްގެ ހުރިހާ މަސައްކަތެއް ނިންމާ މި އަހަރު މެދުތެެރޭގައި ސަރުކާރާއި ހަވާލުކުރާނެކަމެށެވެ. އަދި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތައްކަމަށްވެސް އެޗްޑީސީން ބުނެއެވެ.

1680 ކުދިންގެ ޖާގައިގެ މި ސްކޫލަކީ ހުޅުމާލޭގައި އިމާރާތްކުރާ އެންމެ ބޮޑު ސްކޫލެވެ.

7 ބުރީގެ 3 ބްލޮކާއެކު ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި ސްކޫލަގައި ޕްރައިމެރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް ޚާއްޞަކޮށްގެން 50 ކްލާސްރޫމް ހުންނާނެއެވެ. އެން-ވަން ސްކޫލްގެ އޭ ބްލޮކް އަދި ސީ ބްލޮކް ޚާއްޞަކޮށްފައިވަނީ ކްލާސްރޫމްތަކަށެވެ. އަދި ބީ ބްލޮކް ޚާއްޞަކޮށްފައިވަނީ ލެބޯޓްރީ އަދި އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމަށެވެ. 

މި ސްކޫލުގައި މުވައްޒަފުންނަށާއި ދަރިވަރުންނަށް ޚާއްޞަ ކެންޓީނަކާއި މަލްޓި ޕަރޕަސް ހޯލެއްގެ އިތުރުން ކުޅިވަރާއި އިތުރު ހަރަކާތްތައް ހިންގުމަށް ޖާގަ ކަނޑައަޅާފައިވެއެވެ. ހުޅުމާލޭގެ ނެއިބަރހޫޑް އެކެއްގައި އިމާރާތްކުރާ "އެން-ވަން" ސްކޫލްގެ މަސައްކަތް ކުރުމަށް އެޗް.ޑީ.ސީން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 26 ޖެނުއަރީ 2017 ގައެވެ.