ޚަބަރު

ބުރާސްފަތިދުވަހު، އިއްޒުއްދީނު މަގުގައި ތާރު އަޅައިނިމޭނެ


މާފަންނު ޢިއްޒުއްދީނު މަގުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ނިންމާލެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ޢިއްޒުއްދީނު މަގުގައި ތާރުއަޅަނީ އަމީނީމަގުން ފެށިގެން ބޮޑު ތަކުރުފާނުމަގާ ދެމެދު އޮންނަ ސަރައްހަދުގައެވެ. އެމްޓީސީސީން ބުނީ ޢިއްޒުއްދީން މަގުގެ ފުރަތަމަ ފިޔަވަހީގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެކަމަށެވެ.

ޢިއްޒުންދީން މަގަކީ މުދާ އުފުލާ ބަރު އުޅަނދުތައް ދުއްވުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވާ މަގެކެވެ. އެހެންނަމަވެސް މި މަގު އެއްކޮށް ހަދާ ނިމުމުން ބަރު އުޅަނދުތައް ދުއްވުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ޢިއްޒުއްދީން މަގަކީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖާ ގުޅިފައިވާ މަގަކަށްވާއިރު، މި މަގު ވެގެންދާނީ އެންމެ ގިނަ ޢަދަދަކަށް ބަރު އުޅަނދު ދުއްވާނެ އެއް މަގަށެވެ.