ޚަބަރު

ރާއްޖެ ބަދުނާމުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން- ރައީސް އޮފީ


ދިވެހި ދިދަ ބޭނުންކޮށްގެން ރާއްޖެއާއި، ދިވެހިންގެ އިއްޒަތާއި ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން މިކަން ހާމަކުރީ ރާއްޖޭގެ ދިދަ ނަގާފައިވާކަމަށް ބުނާ "ޝިން ޔުއާން 18" އުޅަނދާއި، އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ އުޅަނދަކާ ދެމެދު ކަނޑުމަތިން ޤަވާއިދާ ޚިލާފު މުއާމަލާތްތަކެއް ހިންގި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާ މަޢޫލޫމާތު ތަކަކީ ހަޤީޤަތާ ޚިލާފު މަޢުލޫމާތުތަކެއްކަމަށް ބުނެ ނެރުއްވި ބަޔާނުގައެވެ.

ދިވެހި ސަރުކާރުން ހާމަކުރެއްވި ގޮތުގައި މި ޢަމަލު ހިންގި ކަމަށް ބުނާ ދިވެހި ރާއްޖޭގެ ދިދަ ނަގާފައިވާ "ޝިން ޔުއާން 18" ނަމަކަށް ކިޔާ އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫންކަމަށެވެ. އަދި ދިވެހި ރާއްޖެއަކީ އުތުރު ކޮރެއާ އާއި ގުޅޭ ޤަރާރުތައް ވެސް ހިމެނޭ ގޮތަށް އ.ދ ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތައް ތަންފީޒު ކުރެއްވުމަށް އަބަދުވެސް ޚާއްޞަ ސަމާލުމެއްދެއްވާ ޤައުމެއް ކަމުގައިވެސް ދިވެހި ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

ދިވެހި ސަރުކާރުން ހާމަކުރެއްވި ގޮތުގައި ސަރުކާރުން ދަނީ ވަރަށް ގާތުން މި މައްސަލަ ބައްލަވަމުންކަމަށާއި، ރާއްޖޭގެ ޤައުމީ ޝަހުސަށް ގެއްލުންވާފަދަގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ހާމަވެއްޖެނަމަ އެފަރާތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގައިވެސް ހަމަކުރައްވާފައިވެއެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ނޫސްބަޔާނުގައިވެސް، ވަނީ "ޝިން ޔުއާން 18" ނަމަކަށް ކިޔާ ބޯޓަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއް ނޫންކަން ހާމަކޮށްފައެވެ. އަދި، މިކަން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ދިވެހިރާއްޖެއަކީ ރާއްޖޭން ބޭރުގައި ދުއްވާ އެހެން ޤައުމުތަކުގެ އުޅަނދުފަހަރު، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރުމަށް ފުރުޞަތުދޭ ޤައުމެއް ނޫނެވެ.