ޚަބަރު

"ފެބްރުއަރީ 1 ގެ އަމުރު ތަންފީޒުކުރިނަމަ އަމާންކަން ގެއްލުނީސް"


މިމަހުގެ ފުރަތަމަދުވަހު ސުޕްރީމް ކޯޓުން ނެރުނު ޢަމުރަކީ ޤައުމުގެ އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަން ގެއްލުމަށް މަގުފަހިވާފަދަ ޢަމުރެއްކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަޙީދު ވިދާޅުވެއްޖެއެވެ.

އަސްކަރިއްޔާއާއި ދިވެހި ފުލުހުންގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ކުރީގެ ސީޕީ ހުސައިން ވަޙީދު ވިދާޅުވީ، އެމަނިކުފާނު ޕޮލިސް ކޮމިޝަނަރުގެ މަޤާމުގައި ހުންނެވިނަމަ ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރަން ފަސޭޙަނުވާނެކަމަށާއި، އަދި އެފަދަ އަމުރަކަށް ޢަމަލުވެސް ނުކުރެވޭނެކަމަށެވެ.

ހުސައިން ވަހީދު ވިދާޅުވީ ކޯޓުތަކުން ނެރޭ ބައެއް ޙުކުމްތަކަކީ އެޙުކުމަށް އަމަލުކުރުމުން ޢާއްމު މަސްލަޙަތަށް ގެއްލުންވާ ފަދަ ހުކުމެއް ނަމަ، އެންމެ ރަނގަޅު ގޮތަކީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެއްވުންކަމަށެވެ. މީގެ އިތުރުން ފުލުހުންގެ އަސާސީ ބޭނުމަކީ އަމާންކަން ދެމެހެއްޓުމާއި ސުލްހަ މަސަލަސްކަން ޤާއިމު ކުރުން ކަމަށްވާއިރު، ސުޕްރީމް ކޯޓުގެ އަމުރުގެ ސަބަބުން "އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލޭ" ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ހާލަތްތަކުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ރައީސުލްޖުމުހުރިއްޔާގެ ސަމާލުކަމަށް އެކަންކަން ގެނެސް، ފުލުހުން ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާ ހޯދަންޖެހޭނެކަމަށްވެސް ހުސައިން ވިދާޅުވިއެވެ.