ޚަބަރު

ބޭރު ބޯޓެއްގައި ރާއްޖޭގެ ދިދަ ބޭނުންކުރާ މައްސަލަ ބަލަނީ


ރާއްޖެއާ އެއްވެސް ގުޅުމެއް ނެތް ކަނޑު އުޅަނދަކުން ދިވެހި ދިދަ ނަގައިގެން ދަތުރުކޮށް، މުޢާމަލާތްކުރަމުންގެންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ދިވެހި ދިދަ ނަގައިގެން ޝިން ޔުއާން 18 ނަމަކަށް ކިޔާ ކަނޑު އުޅަނދަކުން، އުތުރު ކޮރެޔާގެ ކަނޑު އުޅަނދަކަށް ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް މުދާ ބަދަލުކުރިކަމަށް ރާއްޖެއާއެކު ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވާ ޤައުމަކަށް އަންގާފައިވާކަމަށެވެ.

މިއީ ރާއްޖެއާ އެއްވެސް ގުޅުމެއް ނެތް އުޅަނދަކަށްވާއިރު، ރާއްޖޭގެ ދިދަ ނުވަތަ ނަން ބޭނުންކޮށްގެން މިފަދަ މުޢާމަލާތްތައް ހިންގުމުގެ ފުރުޞަތުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށްވެސް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.