ޚަބަރު

ރާއްޖޭގެ ދިދަ ބޭނުންކުރީ ޤާނޫނާ ޚިލާފަށް- ފޮރިން މިނިސްޓްރީ


ކަނޑު ބޯޓެއްގައި ރާއްޖޭގެ ދިދަ ޖަހައިގެން ޤާނޫނާ ޚިލާފު މުޢާމަލާތްތަކެއް ހިންގި މައްސަލަ ބަލަމުން އަންނަކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނުގައި ބުނީ، އދ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުތުރު ކޮރެޔާގެ ބޯޓަކަށް، ރާއްޖޭގެ ދިދަ ޖަހާފައި އިން ބޯޓަކުން މުދާ ބޭލި މައްސަލައަކީ ރާއްޖެއިން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއްކަމަށެވެ. އަދި ރާއްޖޭގެ ދިދަ ބޭނުންކޮށްފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްގައި ނޫންކަން ޓްރާންސްޕޯޓް އޮތޯރިޓީން ޔަޤީންކޮށްދީފައިވާކަމަށާއި މިއީ ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ހިންގާފައިވާ ޢަމަލެއްކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އުތުރު ކޮރެޔާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އދގެ ސަލާމަތީ މަޖިލީހުން އެކި ޤަރާރުތައް ފާސްކޮށްފައިވާއިރު، ފޮރިން މިނިސްޓްރީން ވިދާޅުވީ އދގެ ސަލާމަތީ މަޖިލީހުން ފާސްކުރާ ކޮންމެ ޤަރާރަކަށްވެސް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް އިޚްތިރާމްކޮށް، އަމަލުކުރާނެކަމަށެވެ.