ޚަބަރު

ރާއްޖޭގައި އަސްކަރީ މަރުކަޒެއް ޤާއިމްކުރާކަށް ނޫޅޭ- ޗައިނާ


ޗައިނާގެ ކަނޑުގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ޤާއިމްކުރަން އުޅޭކަމަށް ބުނެ ބޭރުގެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތައް ޗައިނާ ސަރުކާރުން ދޮގުކޮށްފިއެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރަސްމީ އެއްވެސް ފަރާތަކާ ހަވާލާދިނުމެއް ނެތި ބުނެފައިވަނީ މެރިޓައިމް އޮބްޒަވޭޝަން ފެސިލިޓީއެއް ޤާއިމްކުރުމުގެ ނަމުގައި ޗައިނާއިން މަސައްކަތްކުރަމުން ދަނީ ސަބްމެރިން ބޭސްއެއް ޤާއިމްކުރުމަށްކަމަށެވެ. އަދި މިއީ ޗައިނާގެ އަސްކަރިއްޔާއިން ބޭނުންކުރުމަށް ޤާއިމްކުރާ ބޭސްއެއްކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ވާހަކަތައް ދޮގުކުރަމުން ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ، ކަނޑުގެ އެކި ދިރާސާތަކާއި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ދިރާސާތައް ރާއްޖޭއާއި ޗައިނާއިން ގުޅިގެން ކުރިއަށްގެންދާކަމަށާއި ނަމަވެސް އެއީ އަސްކަރީ އެއްވެސް މަޤްޞަދަކަށްޓަކައި ކުރާކަމެއް ނޫންކަމަށެވެ. މިގޮތުން ރާއްޖޭގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ޤާއިމްކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށާއި މިއީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ހަސަދަވެރިވާ ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކެއްކަމަށްވެސް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެއެވެ.

ޗައިނާއާއި ރާއްޖެއާ ގުޅިގެން ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދިރާސާތައްކޮށް، މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް 2015 ވަނަ އަހަރުން ފެށިގެން އަންނަނީ ކުރަމުންނެވެ. މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ޗައިނާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.