ތަރައްްޤީ

ށ ފުނަދޫ އެއަރޕޯޓް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި


ށ ފުނަދޫ އެއަރޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ށ ފުނަދޫ އެއަރޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ކުރިކް ރިޒާއެވެ.

ށ ފުނަދޫ އެއަރޕޯޓް މަޝްރޫޢުއާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، އަންނަ ޖުލައިމަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށްކަމަށެވެ. މިގޮތުން މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ބޭނުންވާ ސާމާނު އެމްޓީސީސީގަ ހުރިކަމަށް މިނިސްޓަރު ޒަމީރު ފާހަގަކުރެއްވިއެވެ.

އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ކުރިކް ރިޒާ ވިދާޅުވީ، ށ ފުނަދޫ އެއަރޕޯޓްގެ ރަންވޭއާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީތައް ވިއްސަކަށް ދުވަހުގެ ތެރޭގައި ފުނަދުއަށް ގެންދެވޭނޭކަމަށެވެ.

އަޙްމަދު ކުރިކް ވިދާޅުވީ މި މަސައްކަތާ އެމްޓީސީސީން ހަވާލުވެފައިވަނީ 105 ދުވަހުގެ ތެރޭގައި އެއަރޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އަޅާ ނިންމުމަށްކަމަށެވެ. މިގޮތުން ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތް ނިންމުމުގެ ޤާބިލުކަން އެމްޓީސީސީގައި ހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ށ ފުނަދޫ ދާއިރާގެ މެމްބަރު ޢަލީ ސަލީމް ވިދާޅުވީ، ށ އަތޮޅަކީ ވަރަށްބޮޑަށް އެއަރޕޯޓެއްގެ ބޭނުން ޖެހިފައިވާ އަތޮޅެއްކަމަށެވެ. އެހެންކަމުން ށ އަތޮޅުގައި އަޅާ އެއަރޕޯޓާއެކު އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްޤީކުރުމަށް މިހާރުއޮތް ގޮންޖެހުމަށް ނިމުމެއް އަންނާނޭކަމަށް ސަލީމް ވިދާޅުވިއެވެ.

ށ ފުނަދޫ އެއަރޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، ފުނަދޫ އެއަރޕޯޓް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީ އާ ޙަވާލުކޮށްގެން ކުރިޔަށްގެންދާ މިމަޝްރޫޢުގެ ދަށުން، ފުނަދޫ އެއަރޕޯޓް ހެދުމަށް އެރަށުގެ އުތުރުގެ ހުޅަނގު ފަރާތު މޫދުން 21 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ހަމަޖެހިފައިވެއެވެ.

ފުނަދޫގައި ހަދާ އެއަރޕޯޓް ރަންވޭގެ ބޮޑުމިނަކީ 1200 މީޓަރެވެ. ދައުލަތުން މިއަހަރަށް ލަފާކުރި ބަޖެޓުގައި 4 އެއަރޕޯޓެއް ހެދުމަށް 336 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގެތެރެއިން ށ ފުނަދޫގައި އެއަރޕޯޓެއް އެޅުމަށް 89 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ. ފުނަދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ މެދުތެރޭގައެވެ.

މިއަހަރުގެ ތެރޭގައި ހަތަރު އެއަރޕޯޓެއްގެ މަސައްކަތް ފެށުމަށް ސަރުކާރުން އިޢުލާންކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ހދ.ކުޅުދުއްފުށި އެއަރޕޯޓާއި ށ .ފުނަދޫ އެއަރޕޯޓްގެ އިތުރުން ފ.ނިލަންދޫ އަދި ގދ.މާވަރުލު ހަދާ އެއަރޕޯޓެވެ. މި ހަތަރު އެއަރޕޯޓުގެ މަސައްކަތް އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަނީ ވިދާޅުވެފައެވެ.