ޚަބަރު

"ރާއްޖޭގެ ޙާލަތު ކިޔައިދިނުމުން އީޔޫއިން ހަޤީގަތް ޤަބޫލުކުރާނެ"


ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ރާއްޖޭގައި ހިނގަމުންދާ ކަންކަމުގެ ހަޤީގަތް އޮޅުންފިލުވައިދިނުމުން އެފަރާތުން އެ ހަޤީގަތް ޤަބޫލުކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ރައީސް އަޙްމަދު ނިޙާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ނިޙާން ވިދާޅުވީ ރާއްޖެއާ މެދު ޔޫރަޕިއަން ޔޫނިއަނުން ފިޔަވަޅު އަޅެމަށް އިދިކޮޅު ފަރާތްތަކުން ގޮވާލައި އެކަމަށް މަސައްކަތްކުރާ ކަމަކީ އެންމެންނަށް އެނގޭ ކަމެއް ކަމަށެވެ. ނިހާން ވިދާޅުވީ ބައެއް ފަރާތްތަކުން ސިޔާސީ ކުށްވެރިންގެ ގޮތުގައި ސިފަކުރާ މީހުންނަކީ ހަޤީގަތުގައި ސިޔާސީ ކުށްވެރިން ނޫން ކަމަށެވެ.

"ޔޫރަޕިއަން ކައުންސިލަށްވެސް އަދި ޔޫރަޕްގެ އެހެން އެމްބެސެޑަރުންނަށްވެސް އަޅުގަނޑުމެން ތަކުރާރުކޮށް މިވާހަތަކަށް ތަރުތީބުން ކިޔައިދެމުން ގޮސް އެބޭފުޅުންނަށް އައިސް ރަނގަޅަށް ބެލީމަ ގަބޫލު ކުރައްވާނެ މީގެ ހަގީގަތަކީ މިއީކަން." ނިހާން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރާއްޖޭގައި މީޑިއާގެ މިނިވަންކަން ނެތް ކަމަށް ބުނެ ބައެއް ފަރާތްތަކުން އެވާހަކަ ދައްކަމުންދާ އިރު، ރާއްޖޭގައި މީޑިއާގެ މިނިވަންކަން ލިބޭހާ ފުޅާ ދާއިރާއެއްގައި މިމިނިވަންކަން ލިބޭ އެހެން ޤައުމެއް ދުނިޔޭގައި ވެސް ނެތް ކަމަށެވެ. 

"އަޅުގަނޑުމެންގެ ޤައުމުގައި މިހާރުވެސް ޓީވީތައް ހުޅުވާލާ. މިސާލަކަށް ރާއްޖެޓީވީ ހުޅުވާލާ ތިބޭފުޅުން. ވީޓީވީ ހުޅުއްވާލައްވާ މިހާރުވެސް. ގައުމުގެ ރައީސުލް ޖުމްހޫރިއްޔާއަށް ވަޒީރު ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިނިވަން މުއައްސަސާތަކުގެ އިސް ބޭފުޅުންނަށް ކޯޗެކޭތޯ ނުކިޔަނީ." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު ޢަލީ ޢާރިފް ވިދާޅުވީ، ރާއްޖޭގެ ޢާންމު ރައްޔިތުންނަށާއި މިނިވަން މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ދައުލަތުގެ މަތީ ޒިންމާއެއް އަދާކުރާ ފަރާތްތަކަށްވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ޖެއްސުން ކުރަމުން ކަމަށެވެ.

"ވެރިކަމަށް އަންނަން ވެގެންވެސް މުޅި ދައުލަތުގެ މުދަލާއި މުޅި ޤައުމުގައިވެސް ހުޅުޖެހީ. ދޭދޭ ދެމީހުންގެ ދޭތެރޭގައި ދޭތެރެ ޖައްސާ ފިތުނަ ފަސާދަ އުފައްދަނީ. މުޅި ޤައުމު ފަސާދަ ކޮށްލީ. މައިން ބަފައިންނާއި އެހެން މީހުންނަށް އިޙްތިރާމް ނަގާލީ. މުޅި ޤައުމުގެ އަގުވެސް ވައްޓާލީ." ޢަލީ އާރިފް ވިދާޅުވިއެވެ.

ޢަލީ އާރިފް ވިދާޅުވީ، މިހުރިހާ ވާހަކަތަކަކާއެކު އިދިކޮޅު ފަރާތްތަކުން ބޭރު ޤައުމުތަކަށް ގޮސް ދައްކަނީ ދީނީ މިނިވަންކަން ނެތް ވާހަކައާއި ދީނީގޮތުން ޙަރާމް ކަންކަން މިޤައުމުގައި ކުރެވޭނެ މިނިވަންކަމެއް ނެތް ވާހަކަތައް ކަމަށެވެ.