ޚަބަރު

ބީއެމްއެލްއިން އިންޓާންޝިޕް ޕްރޮގްރާމެއް އިފްތިތާޙްކޮށްފި


ރާއްޖޭގައި މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސްއިން ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

މިއީ ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ހޯދައި ބޭންކުގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ލިބިގެންދާނެ ފަހި ފުރުސަތެއްކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ. ބޭންކުގެ "ބީއެމްއެލް ޕްރޮސްޕެކްޓް" ގައި ބައިވެރިވެފައިވާ މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް، 12 މަސްދުވަހުގެ މުއްދަތަކަށް މި އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. 

މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ބޭންކުގެ އެކިއެކި ޑިޕާރޓްމަންޓްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބީއެމްއެލް އިން ބުނެއެވެ. ބީއެމްއެލް އިން ބުނީ މި މަސައްކަތަށް ބޭނުންވާ ގިނަ މަޢުލޫމާތު ލިބި، އެ ބައިވެރިންގެ ހުނަރުވެރިކަން އިތުރުވެގެންދާނެކަމަށާއި މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށްވެސް އިރުޝާދު ދޭނެ ޚާއްސަ މުވައްޒަފެއް ހުންނާނެކަމަށެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށްވެސް ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ. 

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ އަތޮޅުތަކުގައި 34 ބްރާންޗާއި 34 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ ޤާއިމްކޮށްފައެވެ. އަދި  95 އޭޓީއެމްއާއި  5000 ޕީއޯއެސް މަރޗަންޓުންނާއި  230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައް  ބޭންކް އޮފް މޯލްޑިވްސް ފޮރުކޮށްދެއެވެ.