ޚަބަރު

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އަނެއްކާވެސް ދަޢުވަތު ދެއްވައިފި


ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް، ޕާޓީތަކުގެ ކަންބޮޑުވުންތައް ޙިއްޞާކޮށް، މިހާރު ދިމާވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި ސަރުކާރުން އެކިފަހަރުމަތިން އަރުވާފައިވާ ދަޢުވަތުތަކަށް ޖަވާބެއްދީފައި ނުވާ 3 ޕާޓީ ކަމަށްވާ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމަށް ސަރުކާރުން އަނެއްކާވެސް ދަޢުވަތު އަރުވައިފިއެވެ.

ސިޔާސީ ޕާޓީތަކަށް އަނެއްކާވެސް ދަޢުވަތު ދެއްވިކަން ސަރުކާރުން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނުއްވި ބަޔާނެއްގައެވެ. މިބަޔާނުގައި 15 ފެބުރުވަރީ 2016 އިން ފެށިގެން މިއަދާހަމައަށް ޖުމުލަ 8 ފަހަރެއްގެ މަތިން ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ސަރުކާރުން ދަޢުވަތު އަރުވާފައިވީނަމަވެސް، މި ދަޢުވަތުތަކަށް މި ޕާޓީތަކުގެ ފަރާތުން ޖަވާބެއް ލިބިފައިނުވާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

އަދި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބެއްކަން ޔަގީންކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމަކީ މުހިއްމުކަމެއްކަމަށް ފާހަގަކުރުމާއެކު، އިއްޔެ ބޭއްވުނު ކައުންސިލް އޮފް ދަ ޔޫރަޕިއަން ޔޫނިއަންގެ ބައްދަލުވުމުގައިވެސް މިހާރު ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމަކީ ވަރަށް މުހިއްމު ކަމެއްކަން ބަޔާންކޮށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ގޮވާލައި، މިކަމުގެ މުހިއްމުކަން ފާހަގަކުރައްވާފައިވާތީ، ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށްޓަކައި މަޝްވަރާގައި ބައިވެރިވުމަށް ބާރުއަޅައި، އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ސަރުކާރުން އަލުން ދަޢުވަތު އެރުވިކަން ވަނީ ފާހަގަކުރައްވާފައެވެ.