ޚަބަރު

ސްކޫލްތަކަށް 10000އަށްވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނެސްފި


ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށްޓަކައި ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓްތަކުގެ ތެރެއިން 10000ވުރެ ގިނަ ޓެބްލެޓް މިހާރު ރާއްޖެ ގެނެސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ސްކޫލުތަކަށް ބޭނުންވާ 70000 އަށްވުރެގިނަ ޓެބްލެޓް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ މެކްސްކޮމް ކުންފުންޏާއެވެ. 

ރާއްޖޭގެ ސްކޫލްތައް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ ދެވަނަ ޓަރމްގެ ކިޔެވުން ފަށާއިރު، ހުރިހާ ސްކޫލެއް ވައިފައިކޮށް، ދަރިވަރުން ޓެބްލެޓް ބޭނުންކުރަން ފަށާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވަނީ ވިދާޅުވެފެއެވެ. މިއާއެކު ދުނިޔޭގައިވެސް މިފަދަ ނިޒާމެއް ތަޢާރަފުކުރި ފުރަތަމަ ޤައުމަށް ދިވެހިރާއްޖެ ވެގެންދާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓްތަކުގެ ތެރެއިން 10000ވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނެސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީންބުނެއެވެ. ސްކޫލުތަކަށް ބޭނުންވާ 70000އަށްވުރެ ގިނަ ޓެބްލެޓް ހޯދުމަށް އެޑިއުކެޝަން މިނިސްޓްރީން ޙާވާލުކޮށްފައިވަނީ މެކްސްކޮމް ކުންފުންޏާއެވެ. ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ބާރައިގެ ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓްތައް ގަތުމަށް 200 މިލިއަން ރުފިޔާއާ ގާތްކުރާ ޢަދަދެއްގެ ފައިސާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ  ސްކޫލްތަކަށް ބޭނުންވާ ޓެބްލެޓްތައް ގެންނަން ހަމަޖެހިފައިވަނީ  އެކި ބައިބަޔަށް ބަހަލައިގެންކަމަށެވެ.

އެގޮތުން މިހާރު ދެ ޝިޕްމެންޓް ރާއްޖެއަށް ގެނެސްފައިވާކަމަށް އެޑިއުކެޝަން މިނިސްޓްރީން މަޢުލޫމާތު ދެއެވެ. ޝަފީޢު ވިދާޅުވީ  ސްކޫލްތަކަށް ފޮނުވަން ހަމަޖެހިފައިވަނީ ހުވާއީ ބްރޭންޑްގެ ޓެބްލެޓްތަކެއްކަމަށާއި، ޓެބްލެޓްތައް ސްކޫލްތަކަށް ވަކިވަކިން ފޮނުވިނަމަވެސް އެ ޓެބްލެޓްތައް ބޭނުންކުރަންފަށާނީ ހުރިހާ ސުކޫލެއްގައި އެއްފަހަރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކްލާސް ރޫމްތަކަށް ލިބެންޖެހޭ ކަނެކްޓިވީޓީ ދިނުމުގެ މަސައްކަތް ކަނޑައަޅާފައިވާ އަމާޒާ އެއްގޮތަށް ކުރިއަށްދާކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ އަންނަ މެއި މަހުގެ ތެރޭގައި އެ މަސައްކަތްވެސް ނިންމާލެވޭނެކަމަށެވެ. 

"ޓެބްލެޓްތައް ބޭނުންކުރެވެން އަންނަނީ ސްކޫލްތަކުގައި އިންފްރާސްޓަރަކްޗަރ ޤާއިމްކޮށްގެން ސްކޫލްތަކަށް ޓެބްލެޓް ފޯރުކޮށްދިނުމުގެ ކަންތައްތައް ކުރިއަށްދާނި މި ޓާރމްގެ ފަހުކޮޅު. މެއި މަހުގެ ކުރީކޮޅު ސްކޫލަތަކަށް ދޭންޖެހޭ އިންފްރާސްޓްރަކްޗަރ ނިމޭނެ" އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.

ކިޔަވައި ދިނުމުގައި ޓެބްލެޓް ބޭނުން ކުރާއިރު، ދަރިވަރުންނަށް ޓެބްލެޓް ބޭނުންކުރެވޭނީ ހަމައެކަނި ތަޢުލީމީ ކަންކަމުގައި އެކަނިކަމަށްވެސް އެޑިއުކެޝަން މިނިސްޓްރީން ބުނެއެވެ. އަދި ޓެބްލެޓުން ވަދެވޭނީ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ސައިޓްތަކަށް އެކަނިކަމަށާ، އިންސްޓޯލް ކުރެވޭނީވެސް ވަކި އެޕްލިކޭޝަންތަކެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކިޔަވައިދިނުމުގައި ޓެބްލެޓް ބޭނުންކުރިއަސް ފޮތްތައްވެސް ބޭނުން ކުރާގޮތަށް ހަމަޖައްސާފައެވެ.

ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ޓެބްލެޓް ބޭނުންކުރަން ނިންމާފައިވާއިރު ދަރިވަރުންނާއި ބެލެނިވެރިން ތަމްރީން ކުރުމަށް ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. އަދި ހުއްޓުމެއްނެތި މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރުމަށް މިއަހަރުގެ ބަޖެޓްގައި ވަނީ 138 މިލިއަން ރުފިޔާ ހިމަނާފައެވެ.