އިދިކޮޅު ފަރާތްތަކުން ރާއްޖެއިން ބޭރުގައި ތިބެގެން މި ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ބޭރުގެ ފަރާތްތަކުން ބަލައި ނުގަންނަކަން އީޔޫއިން ނެރެފައިވާ ބަޔާނުން ހާމަވާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދް ވިދާޅުވެއްޖެއެވެ. މިިނިސްޓަރ މިހެން ވިދާޅުވީ ހިޔާ މަޝްރޫޢުގެ ދަށުން އެސްޓީއޯއިން އަޅާ 2 ޓަވަރުގެ ބިންގާ އެޅުމުގެ ރަސްމިއްުޔާތުގައި ވާހަކަ ދައްކަަވަމުންނެވެ. މިނިސްޓަރ ސަޢީދު ވިދާޅުވީ ސަރުކާރާ ޚިޔާލު ތަފާތު ފަރާތަކުންނާއި ޓީވީ ޗެނަލްތަކުން، ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އީޔޫއިން ނިންމާފައިވާކަމަށްބުނެ ވާހަކަތައް ފަތުރަމުން އަންނަކަމަށެވެ. ނަމަވެސް މި ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ ސާބިތުހިފޭ ވާހަކަތަކެއް ނޫންކަމަށް ހާމަވެފައިވަނީ އީޔޫއިން ރާއްޖެއާއިމެދު ފިޔަވަޅު ނާޅަން ނިންމުމުންކަމަށެވެ.
"ޚިޔާލު ތަފާތު ފަރާތްތަކާއި ޓީވީތަކުގައި ވާހަކަތައް ދައްކަމުންދަނީ އީޔޫއިން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާކަމަށް. އެވާހަކަތައް އެމީހުންނަށް ރަނަގަޅަށް ކިޔައިވެސް ނުދެވޭ. އީޔޫއިން ނެރުނު ބަޔާނުން ފާހަގަވެގެން ދިޔައީ ޚިޔާލު އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތް އީޔޫއިން ބަލައިގަނެފައިނުވާކަން. އަދި ރާއްޖެއާއިމެދު ފިޔަވަޅުއަޅަން ނިންމާފައި ނުވާކަން." މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ސަރުކާރުންވަނީ ފުދުންތެރި އިޤްތިސާދެއް ބިނާކޮށް ބަޔަކަށް ޖިޒީ ދައްކަން ނުޖެހި ސަލާންޖަހަން ނުޖެހޭގޮތަށް ޤައުމުގެ އިންތައް ވަކިކޮށް ޤައުމު ބިނާކޮށްފައިކަމަށެވެ. އަދި މިޤައުމުގައިތިބީ ފަނާކުރަނިވި މީހުންނާއި ބޯދާ ވިސްނުމެކޭބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް މިހާރު ނިކަމެއްތިކަން އައިސްފައިވާކަމަށެވެ.
"އިދިކޮޅު ފަރާތްތަކުން ޖަރުމަނާއި އިނގިރޭސިވިލާތާއި ސްރީލަންކާ އިންޑިއާގައި ތިބެގެން މި ޤައުމުގައިތިބީ ހައްދުފަހަނަ އަލާފައިތިބި މީހުންނޭ، ޤައުމުގައި އޮތީ ބޯދާ ވިސްނުމޭ، މި ޤައުމުގައި އޮތީ ފަނާކުރުވަނިވި ކަންކަމޭ ބުނެ ވިއްކަމުންދާ ވާހަކަތަކަށް މިއަދު ނިކަމެތިކަން އަންނަމުުންދާތަން މި ފެންނަނީ" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގައި ވަކި ކޮޅަކަށް ނުޖެހޭ ސިޔާސީ ފިކުރުގެ މީހުން ގިނަކަމަށެވެ. ނަމަވެސް ޤައުމު ކޮށާ ކަތިލުމަށް ބަޔަކު މަސައްކަތް ކުރަމުންދާއިރު ކޮންމެ މީހެއްގެ ވިސްނުމަކަށް ވާންޖެހޭނީ ޤައުމު ބިނާކުރުމާއި ޤައުމުގެ ނިމިވަންކަން ދެމެހެއްޓުމާއި އިސްލާމްދީނަށްޓަކައި ކުރާ މަސައްކަތްތަކުގައި ބާރުދޭ ބަޔަކަށް ވުންކަމަށެވެ.