ޚަބަރު

ސަރުކާރު ވައްޓާލަން މަސައްކަތް ކުރިކަމުގެ ހެކި ލިބިއްޖެ - ޕޮލިސް


ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި ފާރިސް މައުމޫނާއި މުޙައްމަދު ނަދީމް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ރާއްޖޭގެ ޤާނޫނީ ވެރިކަން ޤާނޫނާއި ޚިލާފަށް ވައްޓާލަން މަސައްކަތްކުރިކަމުގެ ހެކި ފުލުހުންނަށް ލިބިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ބުނެފިއެވެ.

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހިނގާދިޔަކަންކަންމާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަޙްޤީޤްތަކަށް ލިބިފައިވާ ކުރިއެރުން ހާމަކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު، ޤާނޫނާއި ޚިލާފަށް ވައްޓާލުމަށް ބަޔަކު ކުރި މަސައްކަތް ފުލުހުން ދަނީ ތަހްޤީޤްކުރަމުން ކަމަށެވެ. އަދި މިމައްސަލައިގެ ތަހްޤީޤް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި ތަހުޤީޤަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.



"ރައްޔިތުންނަށް މިކަމާއި ގުޅިގެން ކޮންމެހެން އިނގެންޖެހޭކަންކަން އަޅުގަނޑު ހިއްސާކޮއްލާނަން. އެގޮތުން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް. އަހްމަދު ފާރިސް މައުމޫން. އަދި މުޙައްމަދު ނަދީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުދީގެން ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކޮށްފައިވާކަމުގެ ހެކި މިމައްސލައިގެ ތަހްޤީގުގެ ތެރެއިން އައިޑެންޓިފައިކުރެވި، އަދި މިމައްސަލައިގެ ތަހްޤީގު ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ވާހަކަ އަޅުގަނޑު ދަންނަވާލަން." ޝިފާން ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ޖުލައި 24 ވަނަ ދުވަހު މައުމޫނު އަބްދުލްޤައްޔޫމާއި ފާރިސް މައުމޫން އަދި މުޙައްމަދު ނަދީމް އިސްވެތިބެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީގެން މަޖިލިސް މެދުވެރިކޮށް ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކޮށްފައިވާ ކަމުގެ ހެކިވެސް ތަޙްޤީޤަށް ލިބިފައިވާކަން ފުލުހުން ފާހަގަކުރިއެވެ.



"2017 ޖުލައި 24 ވަނަ ދުވަހު ހަމަ މިތިން ބޭފުޅުން އިސްވެތިބެ މަޖިލިސް މެންބަރުންނަށް ރިޝަތުދީގެން މަޖިލިސް މެދުވެރިކޮށް ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތްކުރިކަމުގެ ހެކިވެސް އަޅުގަނޑުމެންނަށްވަނީ ލިބިފައި." ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ފަހުން ސްޕްރީމް ކޯޓުގެ ދެފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އަބްދުﷲ ސަޢީދާއި އަލީ ހަމީދު މުޙައްމަދު އަމިއްލަ މަސްލަހަތު އިސްކޮށް ވަކިގޮތަކަށް ޝަރުޢީ ދާއިރާ ބައްޓަންކުރުމަށް މަސައްކަތްކޮށް ޤާޟީންނަށް ނުފޫޒު ފޯރުވާ ފުލުހުންގެ ތަހްޤީގަށް ހޯދާފައިވާ ހެކިތަށް އަނބުރާ އެތަކެތި ނިސްބަތްވާ ފަރާތްތަކަށް ރައްދުކުރުމަށް އަމުރުނެރެ ބައެއް ފަރާތްތަކަށް ނާޖާއިޒް ފައިދާ ލިބޭނެ ގޮތަށް މަސައްކަތް ކޮށްފައިވާކަންވެސް ފުލުހުންނަށް ފާހަގަކުރެވިފައިވާކަމަށެވެ.

މިވަގުތު ތަހްޤީގުކުރަމުންދާ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފަރާތްތަކުގެ ބައެއް މައްސަލަތަކުގެ ތަހްޤީޤް ނިންމައި މިހަފްތާތެރޭގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުނާވެނެކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމަސައްލަތައް ތަޙްޤީޤް ކުރިއިރު ބައެއް ޤާނޫނީ ވަކީލުންގެ ފަރާތުން ވަރަށް ދަށުދަރަޖައިގެ އަމަލުތަކެއް ފެނިގެން ދިޔަކަމަށެވެ. އެގޮތުން ފުލުހުން ހޯދާފައިވާ ހެކިތަކުގެ ސައްޙަކަމާމެދު ޝައްކު އުފެއްދުމުގެ ގޮތުން ފުލުހުންގެ މަސްޢޫލިއްޔަތާމެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެދޭގޮތަށް މީޑިޔާއާއި ބައްދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި މިއީ ޖިނާޢީ ކުށެއްގެ ގޮތުގައި ފާހަގަކުރެވޭތީ އެކަން ތަހްޤީޤް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ. އަދި މިފެންވަރުގެ ތަހްޤީޤެއް ކުރަމުންދާއިރު ފުލުހުން އެކަން ކުރަމުންދަނީ ޤާނޫނާއި ޤަވާއިދުތަކުގައި ކަނޑައަޅާފައިވާ އިޖްރާޢަތްތަކަށް އިޚްތިރާމްކޮށްގެން ކަމަށެވެ. އެހެންކަމުން ސޯޝަލް މީޑިއާއި އެހެންނިހެން ވަސީލަތްތައް ބޭނުންކޮށްގެން ފުލުހުންގެ އަގުވައްޓާލުމަށް މަސައްކަތް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.