ޚަބަރު

އެސްޓީއޯއިން އަޅާ ދެ ޓަވަރުގެ ބިންގާ އަޅައިފި


ހިޔާ މަޝްރޫޢުގެ ދަށުން އެސްޓީއޯއިން އަޅާ ދެ ޓަވަރުގެ ބިންގާ އަޅައިފިއެވެ. ބިންގާ އަޅުއްވައިދެއްވީ ހުޅުމާލޭގައި ބޭއްވި ރަސްމިޔާތެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި އެސްޓީއޯގެ ޗެއަރމަން ޙުސެއިން ސާލިމް މުޙައްމަދާއި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރުއެވެ. 

އެސްޓީއޯއިން އަޅާ ދެ އިމާރާތުގައި ޖުމްލަ 356 އެޕަރޓްމަންޓް ހުންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ. ދެ ޓަވަރުގައި ހިމެނެނީ 1 ކޮޓަރިއާއި 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެސްޓީއޯ ފަދަ ބޮޑެތި ކުންފުނިތަކަކީ އިޤްތިސާދު ކުރިއެރުވުގެ މައި ތަނބުކަމަށެވެ. އެހެންކަމުން ކުންފުންޏެއް ކާމިޔާބުވުމުގައި އެންމެ އިސް ދައުރެއް ޢަދާކުރަނީ ކުންފުނީގެ މުވައްޒަފުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ސަޢީދު ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ ހުރި ކުދި އަދި ބޮޑެތި ކަންބޮޑުވުންތައް ދެނެގަނެ ހައްލު ކުރަމުންދާކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވައިރޮންމަންޓް މިނިސްޓަރ ތާރިޤް އިބްރާޙީމް ވިދާޅުވީ ގެދޮރުގެ މައްސަލައަކީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް އިޙުމާލުވެފައިވާކަމަށެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އިދިކޮޅުފަރާތްތަކުން މިހާރު ކަނަޑައަޅާފައިވާ މެނިފެސްޓޯއަކީ ސަރުކާރު ވައްޓާލުމާއި ރިޝްވަތުދިނުންކަމަށެވެ. ނަމަވެސް މިކަންކަން ނުވާނެކަމާއި މި ސަރުކާރު ވައްތާނުލެވޭނެކަމަށް އިދިކޮޅު ފަރތްތަކުން މިހާރު ޤަބޫލުކޮށްފައިވާކަމެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރް ވިދާޅުވީ ހިޔާ މަޝްރޫޢޫގެދަށުން އެސްޓީއޯއިން އަޅާ ދެ ޓަވަރަކީ 27 މިލިއަން ޑޮލަރުގެ މަޝްރޫޢެއްކަމަށެވެ. ޗައިނާގެ ކުންފުންޏެއްކަމަށްވާ ދި ޓުވެންޓީ ތަރޑް މެޓަލާނޖިކަލް ކޮންސްޓްރަކްޝަން ގްރޫޕާއި ހާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް ދެ އަހަރުތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ޝަހީރް ވިދާޅުވީ އެސްޓީއޯއިންދޭ އެޕަޓްމަންތްތަކަށް އެހެން ކުންފުނިތަކަށްވުރެ ލުއިކޮށް ފައިސާދެއްކޭނެ އިންތިޒާމު ހަމަޖައްސާނެކަމަށެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކަށް ޢަމާޒުކޯށްގެން އިތުރު އިމާރާތެއް އެޅުމަށް ނިންމާފައިވާމަށް އެސްޓީއޯއިން ބުނެއެވެ. ހިޔާ މަޝްރޫޢުއަކީ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެމަތިން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢުއެވެ.