ޚަބަރު

އުތުރުކޮރެއާގެ ތެޔޮ ޓޭންކަރަކާއެކު ރާއްޖެއިން މުޢާމަލާތެއް ނުކުރޭ


އުތުރުކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ތެޔޮ ޓޭންކަރަކުން މަނާ މުޢާމަލާތްތަކެއް ހިންގިކަމަށް ބުނެ މީޑިއާތަކުގައި ފަތުރަމުންދާ ވާހަކަތައް މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީން ދޮގުކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީން ނެރެފައިވާ ނޫސްބަޔާނުގައިވަނީ އުތުރުކޮރެއާގެ ތެޔޮ ޓޭންކަރަކާއެކު މަނާ މުޢާމަލާތްތަކެއް ހިންގިކަމަށް މީޑިއާތަކުގައި ބުނާ ރާއްޖޭގެ ތެޔޮ ޓޭންކަރަކަރެއްކަމަށްބުނާ "ޝިންޔުއާން 18" ނަމަކަށްކިޔާ އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫންކަމަށެވެ. އަދި ރާއްޖެއަކީ ރާއްޖޭންބޭރުގެ ފަރާތްތަކުގެ އުޅަނދުފަހަރު ރާއްޖޭން ބޭރުގައި ދުއްވުމަށް މިރާއްޖޭގައި ރަޖިސްޓްރީކުރުމުގެ ފުރުޞަތުދޭ ޤައުމަކަށް ނުވާތީ މި އުޅަނދުގައި ދިވެހި ދިދަ ބޭނުންކުރެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުލް ނާޞިރު ވިދާޅުވީ ބައިނަލްއަޤްވާމީ ޤާނޫނާއި ޤަވާއިދުތަކުގެ މަތިން އެކަން ހިނގާދިޔަ ގޮތް ރާއްޖެއިން ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ތަހްޤީޤުކޮށް ނިމުމުން އެކަން ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރުންސުރެއް ބައިނަލްއަޤްވާމީ ފަރާތްތަކާއި ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން މިހާރު އެކަން ތަހްޤީޤު ކުރަމުން ދަނީ. އެހެންވީމަ އެކަން ކުރިއަށްދާނެ. ދެން އެކަން ނިމުނީމަ އަޅުގަނޑުމެންނަށް އިނގޭނެ މިއީ ކިހިނެއް ހިނގި ކަމެއްތޯ،" ނާޞިރު ވިދާޅުވިއެވެ.

ނާޞިރު ވިދާޅުވީ ރާއްޖޭގެ ދިދަ ބޭނުންކޮށްގެން އެއްވެސް ބޯޓަކަށް އެއްވެސް މުޢާމަލާތްތަކެއް ހިންގުމުގެ ފުރުޞަތު ރާއްޖޭގެ އެއްވެސް ޤާނޫނަކުން ލިބިދީފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ބަޔަކު ކުރިނަމަ އެއީ "ކްރިމިނަލް އޮފެންސެއް" ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މިފަދަ ދޮގު މަޢުލޫމާތުތައް ޙަޤީޤަތް އޮޅޭގޮތަށް މީޑިއާތަކުގައި ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.