ޚަބަރު

މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ޔެލޯއެލަރޓް ނެރެފި


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދު ރާއްޖޭގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފިއެވެ.

ކ އަތޮޅުން ފެށިގެން ލ އަތޮޅުގެ ރަށްތަކަށް ޔެލޯ އެލަރޓް ނެރެފައިވަނީ މިއަދު މެންދުރު ކުރި 11:00 އިން ފެށިގެން މެންދުރުފަހު 14:00 ހަމައަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖެ މަތީގައި އުފެދިފައިވާ ވިލާގަނޑުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑި އިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

އެއިދާރާއިން ބުނީ މެދު ރާއްޖޭގެ ރަށް ތަކާއި ދެކުނުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށާއި މިސަރަޙައްދުގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ. އެހެންކަމުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ އެހެން ސަރަޙައްދުތަކުގެ މޫސުން ޢާއްމުގޮތެއްގައި ރަނގަޅުވީނަމަވެސް ހުރިހާ ސަރަޙަށްދަކަށްވެސް ކެރީގެ އަސަރު ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.