ޚަބަރު

ޤާސިމްގެ މުދަލަކީ ރައްޔިތުންގެ ޙައްޤެއް- ނިޙާން


ޤާސިމް އިބްރާހީމްގެ ރިސޯޓުތައް ހިންގަމުންދާ ރަށްތަކާއި އޭނާގެ މުދަލަކީ ނުހައްގުން ހޯދާފައިވާ ތަކެތިކަމަށް ތުހުމަތުކުރައްވައި އެތަކެއްޗަކީ ރައްޔިތުންގެ ހައްޤެއް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ، ޤާސިމަކީ ކޮންމެ ސަރުކާރެއްގެ ވެރިކަމުގައިވެސް އޭނާގެ އަމިއްލަ އެދުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް. އެގޮތުން އެ މަސައްކަތް 1993 އަހަރުން ފެށިގެން ޤާސިމް ކުރައްވަމުން އަންނަކަމަށް ނިހާން ތުހުމަތުކުރެއްވިއެވެ.

"ކޮންމެ ވެރިއަކު ވެރިކަމަށް އަންނަންވީމަ ޤާސިމްގެ ދޮލަނގުތަކުން ކެއްކުން ފެއްޓޭނެ. އެއާ ވިދިގެން ވެރިކަމަށް ހޮވޭ މީހާއަށް ބިލް އަންނަން ފަށާނެ. އޭގެތެރޭގައި ހިމެނޭ ފަޅުރަށްރަށާއި އެއްގަމާއި ވަޔާއި ކަނޑުގައި ހުންނަ ވިޔަފާރީގެ މުހިއްމު ކަންތައްތައް،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ޤާސިމްގެ ގިނަ ރިސޯޓްތަކަކީ އޭނާ ނާޖާއިޒުގޮތުގައި ހިންގަވާފައިވާ ކަންތައްތަކުން ހޯދާފައިވާ ވިޔަފާރިތަކެއްކަމަށެވެ.