ކުޅިވަރު

އާސެނަލް ބަލިކޮށް، ލީގު ކަޕް މެންޗެސްޓަރ ސިޓީ ކާމިޔާބުކޮށްފި


ކެޕްޓަން ވިސެންޓް ކޮމްޕެނީގެ މޮޅު ކުޅުމާއެކު އާސެނަލް ފަސޭހަކަމާއެކު ބަލިކޮށް، މެންޗެސްޓަރ ސިޓީ ސީޒަންގެ ފުރަތަމަ ތަށި އުފުލާލައިފިއެވެ.

އިނގިރޭސި ލީގް ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ފައިނަލްގައި ރޭ މެންޗެސްޓަރ ސިޓީ އާއި އާސެނަލް ބައްދަލުކުރި މެޗު ސިޓީ ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ. މިމެޗުގައި ސިޓީގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ސިޓީގެ ގިނަދުވަސްވީ މުހިއްމު ކުޅުންތެރިންނެވެ. އެގޮތުން ފުރަތަމަ ލަނޑު ފޯވާޑް ސާޖިއޯ އެގުއޭރޯ ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން ވިސެންޓް ކޮމްޕެނީ އަދި ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ތަޖްރިބާކާރު މިޑްފިލްޑަރ ޑޭވިޑް ސިލްވާއެވެ.

މިއީ ސިޓީއާއެކު ޕެޕް ގާޑިއޯލާ ކާމިޔާބުކުރި ފުރަތަމަ މުބާރާތެވެ. މެޗަށްފަހު ޓީމުގެ ކުޅުންތެރިން ވަނީ ސީޒަންގެ ފުރަތަމަ ތަށި ކާމިޔާބުކުރެވުމުން އެކަމާ އުފާފާޅުކޮށް ވާހަކަ ދައްކާފައެވެ. ގިނަ ކުޅުންތެރިން ބުނީ މިއީ ސިޓީ މިސާޒަންގައި ހޯދާނެ ހަމައެކަނި ތަށި ނޫން ކަމަށާއި، މިސީޒަންގައި ސިޓީ ކުޅެމުންދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ބޭނުންވަނީ ކުރިއަށް އޮތް މުބާރާތްތައްވެސް ކާމިޔާބުކޮށް ސީޒަން ވީ އެންމެ ރަނގަޅަކަށް ނިންމާލަން ކަމަށެވެ.

img:http://s4.psmnews.mv/images/660x400/15196205384606.jpg|މެޗުގައި މޮޅަށް ކުޅެ ލަނޑު ޖެހި ކެޕްޓަން ކޮމްޕެނީ އުފާފާޅުކުރަނީ: ފޮޓޯ-އޭޕީ

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިއީ އޭނާއަށް ވަރަށް ޙާއްސަ ވަގުތެއް ކަމަށެވެ. ހާއްސަކޮށް މިދިޔަ ސީޒަން ތައްޓަކާއި ނުލާ ނިންމާލަން ޖެހުނުއިރު ޓީމުގެ އެންމެ އިސްވެރިން އޭނާއަށް އިތުބާރުކޮށް ޓީމު ކުރިއަށް ގެންދަން ދިން ފުރުސަތުގެ ސަބަބުން އިތުރު އުފާވެރިކަމެއް ލިބޭކަމަށެވެ.

ފައިނަލް މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ޗެމްޕިއަންސް ލީގުގެ މެޗެއްނަމަ ފުރަތަމަ ހާފްގައި އޭނާގެ ޓީމުން ދެއްކި ކުޅުމާއެކު ސަލާމަތް ނުވެވޭނެ ކަމަށެވެ. އެހެންނަމަވެސް ދެވަނަ ހާފްގައި ދެއްކީ ތަފާތު ކުޅުމެއް ކަމާށާއި، ޓީމު ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ.