ޚަބަރު

އެމްޑަބްލިއުއެސްސީގެ 2 ޓަވަރުގެ އަމަލީ މަސައްކަތް ފަށައިފި


ހިޔާ މަޝްރޫޢުގެދަށުން މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީއަށް ދީފައިވާ ދެ ޓަވަރުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. 15 ފަންގިފިލާއަށް އިމާރާތްކުރާ މިދެ ޓަވަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ދި ޓުވެންޓީ ތަރޑް މެޓަލާނޖިކަލް ކޮންސްޓްރަކްޝަން ގްރޫޕާއެވެ.

ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ޔަގީންކޮށްދިނުމަށް ރަޢީސް އަބްދުﷲ ޔާމިން ފައްޓަވާފައިވާ ހިޔާ މަޝްރޫޢުގެ ދަށުން އެމްޑަބްލިއުއެސްސީގެ ޓަވަރު އެޅުމުގެ ޢަމަލީ މަސައްކަތް ފައްޓަވާ ދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި އެންވައިރޮންމަންޓް މިނިސްޓަރ ތާރިޤް އިބްރާޙީމްއެވެ. މި އިމާރާތުގެ ފުރަތަމަ ފަންގިފިލާ ޚާއްޞަ ކޮށްފައިވަނީ ހިތްފަސޭހަ މާހައުލަކާއި ވެހިކަލް ޕާކިންގއާއި ވިޔަފާރިއާއިގުޅޭ ތަންތަނަށް.

މި އިމާރާތުގައި ޖުމްލަ 384 އެޕަރޓްމަންޓް ހިމެނޭއިރު މީގެތެރޭގައި ހިމެނެނީ އެއްކޮޓަރިއާ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕަރޓްމަންޓްތައް. އެގޮތުން ފުރަތަމަ ފަންގިފިލައާއިން ފެށިގެން ހަތަރުވަނަ ފަންގިފިލައާއި ދެމެދު ހިމެނެނީ އެއް ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. އަދި ފަސްވަނަ ފަންގިފިލައިން 14ވަަނަ ފަންގިފިލާއަށް ހިމެނެނީ ދެ ކޮޓަރިއާއި 3 ކޮޓަރީގެ އެޕާރޓްމަންޓްތަކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ މިފަދަ މަޝްރޫތައް ހިންގުމުގެ އެންމެ މުހިންމު މަޤްސަދަކީ މުވައްޒަފުންނާއި ޢާއްމު ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި މަޝްރޫޢު މިހާ ކުރު މުއްދަތެއްގެ ތެރޭގައި ފެށިގެން ކުރިއަށްދާއިރު އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވަމުން އަންނަކަމަށެވެ.

"ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ޒިންމާދާރުގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ މަސައްކަތެއް ނުކޮށް. އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާ މި މަޝްރޫޢު މިހާ ކުޑަ ދުވަސްކޮޅެއްތެރޭގައި ކުރިއަށްގެންދަނީ ކީއްވެހޭ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ ކުޑަ ދުވަސްކޮޅެއްގެތެރޭގައި ނިންމަން ނޫޅެ ދިގު މުއްދަތަކުން ނިންމަންވީނުންތޯއޭ. ޒުވާނެއް ނުވަތަ ދިވެހި ރައްޔިތެއް ކިޔަވައިގެން ނުކުމެ ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އެހާ ގިނަ ދުވަހު ހުންނަން ޖެހުންވާނީ ބޮޑު ވޭނަކަށް" މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.



އެންވައިރޮންމަންޓް މިނިސްޓަރ ތާރިޤް އިބްރާޙިމް ވިދާޅުވީ ސަރުކާރާއި ދެކޮޅު ފަރާތްތަކުން ހިޔާ މަޝްރޫޢުގެ މަސައްކަތް ނުފެށޭ ކަމަށްބުނެ ވާހަކަތައް ފަތުރަމުން އަންނަކަމަށެވެ. ނަމަވެސް މިއީ މުޅިން ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށާއި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ބާރު ސްޕީޑްގައި ފަށައިގެން ކުރިއަށް ދާކަމަށެވެ.

"އަދާލަތު ޕާރޓީއިން ނެރުނު ބަޔާނެއްގައި ލިޔެފައިވޭ ހިޔާ މަޝްރޫޢުގެ މަސައްކަތް ނުފެށޭކަމަށް. ނަމަވެސް މި ފެނިގެންދަނި ހިޔާ މަޝްރޫޢުއާއި، އިތުރު އެތައް އެތައް މަޝްރޫޢުތަކެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަށައިގެން ކުރިއަށްދާ މަންޒަރު. އަޅުގަނޑު ގޮވާލަން އެފަރާތް ތަކުން އައިސް މިމަސައްކަތް ކުރިއަށްދާގޮތް ބެލުމަށް. އަދި ތިފަދަ ދޮގު މަޢުލޫމާތު ނުފެތުރުމަށްވެސް ގޮވާލަން." މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ތަރައްޤީގެ ވިސްނުން ގެންގުޅެފައި ނުވާކަމަށެވެ. ނަމަވެސް މި ސަރުކާރުން މުވައްޒަފުންނާއި އާއްމު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ބަލާ ފުރިހަމަ ކުރަމުން އަންނަކަމަށެވެ. ފަޒުލް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން މިފަދަ މަސައްކަތް ކުރަން ބޭނުންވިނަމަ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައިވެސް ފެއްޓޭނެކަމަށެވެ.

"އިމާރާތުން 72 އެޕަރޓްމަންޓްް ޚާއްސަ ކޮށްފައިވަނީ ޒުވާނުންނަށް. އަލަށް ކައިވެނިކުރާ ފަރާތްތަކަށް. އޮފީހުގައި 750 މުވައްޒަފުން އުޅޭއިރު ޒުވާނުންގެ ކެޓަގަރީގައި 453 މުވައްޒަފުން ހިމެނޭ. ހިޔާ މަޝްރޫޢުއާއެކު އޮފީހުގެ 50 އިންސައްތަ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ." ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ ފްލެޓާއިގުޅޭ އިތުރު މަޢުލޫމާތުތަކާއި ފްލެޓަށް ކުރިމަތިލުމާއިގުޅޭ މަޢުލޫމާތުތައް ކުރިއަށްއޮތް ދެތިން ހަފްތާތެރޭގައި މުވައްޒަފުންނާއި ހިއްސާކުރާނެކަމަށެވެ.