ކުޅިވަރު

ނިއުއާ ދެކޮޅަށް ނިކުންނަ މެޗަކީ ތަފާތު، ވާދަވެރި މެޗެއް - ނިޒާމް


މާދަމާގެ  މެޗް ވަރަށް ތަފާތު، ވާދަވެރި މެޗަކަށް ވާނެ ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނެފިއެވެ. 

އެސްޓީއޯ މާލެ ލީގުގައި މާދަމާ ވާދަވެރި ނިއުރޭޑިއަންޓާ ދެކޮޅަށް ނިކުންނަން ޖެހޭ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ނިޒާމް ބުނީ ނިއުއާ ބައްދަލު ކުރާ މެޗުން މޮޅުވުމަކީ ސީޒަންގައި ކުރިއަށް ދިއުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ. އޭ.އެފް.ސީ ކަޕްގައި ކުޅުނު މެޗުތަކުން ޓީސީގެ ކުޅުން ނިއުއަށް ފެނިފައިވީ ނަމަވެސް ނިއުރޭޑިއަންޓްގެ ކުޅުން ޓީސީއަށް ނޭނގުމަކީ ނިއުއަށް ލިބޭ ފައިދާ އަކަށް ވުން އެކަށީގެންވާ ކަމަށްވެސް ނިޒާމް ބުންޏެވެ. ނަމަވެސް އޭ.އެފް.ސީ ކަޕްގެ އެ ހަތަރު މެޗުން ޓީސީގެ މެނޭޖުމެންޓްގެ ހިންގުންތެރިކަން ހަރުދަނާވުމާއި، ކުޅުންތެރިންގެ އެކުވެރިކަމާއި ގުޅުން ބަދަހިވުމަކީ ޓީސީ އަށް ލިބުނު ފައިދާއެއްކަމަށް ދެކޭ ކަމަށްވެސް ނިޒާމްބެ ބުންޏެވެ. 

ޓީމާ ގުޅޭގޮތުން ނިޒާމް ބުނީ، ޓީމްގެ ބޭރު ކީޕަރުގެ އަނިޔާ ވަރަށް އަވަހަށް ރަނގަޅު ވަމުން އަންނަ ކަމަށާއި، ދެ ހަފްތާ ތެރޭ ކުޅުމަށް އެނބުރި އާދެވޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. ބޭރު ކީޕަރު ފޮނުވާލުމާ މެދު ވަކިގޮތެއް ނިންމާފައި ނުވާ ކަމަށާއި، ބޭރު ކީޕަރު ހުރި ނަމަވެސް ދިވެހި ކީޕަރުން ތައްޔާރު ނަމަ އިސްކަންދޭނީ ދިވެހި ކީޕަރުންނަށް ކަމަށްވެސް ނިޒާމް ބުންޏެވެ. ނިޒާމް ބުނީ ކުރިއަށް ކުޅޭ ބޭރު ކުޅުންތެރިޔާ ގެނައުމުގެ ހުރިހާކަމެއް ހަމަޖެހިފައިވާ ކަމަށާއި، ދެވަނަ މެޗުން އޭނާ ފެންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. 

އަދި ޓީސީ އަކީ ކަނޑައެޅިފައިވާ ފުރަތަމަ އެގާރައެއް އޮންނަ ޓީމެއް ނޫން ކަމަށާއި، މާދަމާ ހަވީރުގެ މެޗަށް ނުކުންނައިރު ފުރަތަމަ އެގާރައިގެ ކުޅުންތެރިން ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ނިޒާމްބެ ބުންޏެވެ. މިދިޔައަހަރު މާލެ ލީގު ނިއުރޭޑިއެންޓް ތިން ވަނައިގައި އޮވެގެން ނިންމާލިއިރު ޓީސީ އަށް ލިބުނީ ހަތަރުވަނައެވެ.