ޚަބަރު

"އެންމެ ބޮޑަށް ޣައްދާރުވީ މަޤާމުގެ ނާޖާއިޒް ފައިދާ ނެގި މީހުން"


ފެބްރުއަރީ އެކެއްގައި ރާއްޖެއަށް ގެންނަން މަސައްކަތްކުރި ބަޣާވާތުގައި ޤައުމަށް އެންމެ ބޮޑަށް ޣައްދާރުވީ މަޤާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައިގެން މުޅި ދިވެހި އުންމަތް ނުރައްކާތެރި ހާލަތަކަށް ފުރޮޅާލަން މަސައްކަތްކުރި މީހުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

"ސަލާމަތީ ބާރުތަކާއެކު ރައްޔިތުން" މިނަމުގައި ވެރިކަން ކުރާ މައި ޕާޓީ، ޕީ.ޕީ.އެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ،  ޤާނޫނުތަކުން ނުފޫޒާއި ބާރު ލިބޭ މީހުން ނުހައްޤުގައި ބާރުގެ ބޭނުން ހިފާކަން މިއަދު ހާމަވެފައިވާކަމަށެވެ. މިއީ ފެބްރުއަރީ އެކެގައި ރާއްޖެއަށް ގެންނަން އުޅުނު ބަޣާވާތުން ލިބިގެން ދިޔަ އެންމެ ބޮޑު ފިލާވަޅުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޤައުމުގައި ހަމަޖެހުން ނެތްކަމަށްބުނެ ބޭރުގެ އަސްކަރިއްޔާތައް ރާއްޖެ ގެންނަން ހިތްވަރު ދިނުމާއި، ޤައުމުގެ އެތެރޭގެ ހަމަޖެހުން ނަގާލަން ބަޔަކު ކުރާ މަސައްކަތްތަކައި، މަގުތަކަށް ނުކުމެ ހަމަޖެހުން ނަގާލަން ބަޔަކަށް ބަޔަކަށް އެ ފުރުސަތު ލިބުނީވެސް ނުފޫޒު ގަދަ މަޤާމުތަކުގައި ތިއްބެވި ބައެއް މީހުން އެފަދަ  ފުރުސަތު ދޭތީކަމަށެވެެ. 

ރައީސުލް ޖުމްހޫރިއްޔާއަކީ ޤައުމަށް ދިމާވާ ދަތި ދަނޑިވަޅުތަކުގައި ފިއްލަވާނެ ބޭފުޅެއްނޫންކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ބަދަލުކޮށްލަން އުޅުނު މީހުން އެތިބީ ޤައުމަށް ޣައްދާރުވެފައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ރައްޔިތުންގެ ޙައްޤުގައި ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ޔާމީން ތަކުރާރުކުރެއްވިއެވެ. 

ރައީސް ވިދާޅުވީ، ދައުލަތުގެ މަސްލަހަތު ޙިމާޔަތްކުރުމަށްޓަކައި ކަންކަން ކުރަންވާނީ ސިފައިންނާއި ފުލުހުންގެ މައްޗަށްވެސް އިސްވެ އަމުރު ކުރާނެ މީހަކު ހުރިކަން ޤަބޫލުކޮށްގެންކަމަށެވެ. ފުލުހުންގެ ވާޖިބައް ފުލުހުންގެ ތެރެއިން ބަޔަކު ހުރަސް އަޅަމުން ދިޔުމުގެ ސަބަބުން  ބައެއް ފުލުހުން މިއަދުވެސް ވަޒީފާއިން ވަކިވެގެން ދާކަމަށާއި، އެފަދަ މީހުން އެމަނިކުފާނުގެ ސަރުކާރުގައި ޚިދުމަތްކުރަން ނުތިބޭނެކަމަށް ރައިސް ޔާމީން ވިދާޅުވިއެވެ.

ރާއްޖެ ފަދަ އާބާދީގެ ގޮތުން ކުޑަ، އަދި އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްކުރާ ޤައުމެއްގެ ކަންކަން ދުނިޔޭގެ ސަމާލުކަމަށް ގެނެސް ބައެއް ފަރާތްތަކުން ދިވެހިޤައުމުގެ ވާހަކަތައް ނާޖާއިޒުގޮތުގައި ފަތުރަމުންދަނީ ކީއްވެތޯ ސުވާލު އުފެދޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިފަދަ ހުރިހާކަމެއްވެސް ކުރަމުން މިދަނީ ދިވެހިންގެ ތެރެއިން ސިޔާސީ ބަޔަކު، ވޯޓާހަމައަށް ގޮސްގެން ކަންކަން ނިންމަން  ޖެހިލުންވެ، މާކުރިން އެފަރާތްތަކުން ބޭނުންވާ ސިޔާސީކަންކަން ޙާސިލުކުރުމަށްކަމަށެވެ. 

"ސަލާމަތީ ބާރުތަކާއެކު ރައްޔިތުން " މިނަމުގައި ވެސްޓްޕާކް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ސަރުކާރާއް ތާއީދުކުރާ ގިނަ ޢަދަދެއްގެ ޢާއްމުރައްޔިތުން ބައިވެރިވެފައިވެއެވެ.