ޚަބަރު

އައްޑޫސިޓީ ހުޅުމީދޫ ކުނީގެ މައްސަލައަށް ޙައްލެއް


ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން،  އައްޑޫސިޓީ ހުޅުމީދޫގައިވެސްވަނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމްކޮށްފައެވެ.

ހުޅުމީދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ރޭވިފައޮންނަނީ ތިން ފިޔަވައްސަކަށެވެ. އެއީ ކުނި އެއްކުރުމާއި، ކުނީގެ އެކި ބާވަތްތައް ވަކި ކުރުމާއި އަދި ކޮމްޕޯސްޓިންގްގެ މަސައްކަތެވެ. އެގޮތުން ގޭބިސީތަކުން ކުނިނަގަމުންދާއިރު އެކި ބާވަތުގެ ކުނިތައްވަކިކޮށް ގެނައުމާއި، ކުނީގެ ބާވަތްތަކުގެ ތެރެއިން ކުނި ކާއެއްޗިއްސާއި، ނެޕީފަދަ ތަކެއްޗާއި އަދި ފަތްކުނީގެ ބާވަތް ވަކިކޮށް ސެގްރިގޭޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެއެވެ. އަދި ދަގަނޑުގެ ބާވަތްތަކާއި، ރުއްގަސްފަދަ ބަރު ކުނީގެ ބާވަތް ވަކި ސާވިސްއެއްގެ ދަށުންނަގައި މިބާވަތް ވަކިކުރެއެވެ.

ހުޅުމީދޫ ވޭސްޓް މެނެޖްމަންޓް ސެންޓަރގެ އެސިސްޓެންޓް މެނޭޖަރ އަޙްމަދު ލިރާރް ވިދާޅުވީ ކުނީގެ ބާވަތްތަކުގެ ތެރެއިން ޕްލާސްޓިކް އަދި ދަޅުފަދަ ތަކެތި ނައްތާލުމަށް ވަކި މެޝިންތަކެއް ބޭނުންކޮށް އެ ކުދިކުރުމަށްފަހު ޕެކްކުރެވިގެންދާކަމަށެވެ. 

ކުނީގެ ބާވަތްތަކުގެ ތެރެއިން ފަތްކުނީގެ ބާވަތް އުކާލުމުގެ ބަދަލުގައި އޭގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނެހެން އެކުނިދަނީ ކޮމްޕޯސްޓްކުރަމުންނެވެ. ގޭބިސީތަކުން އުކާލެވޭ ކުނިކާއެއްޗިއްސާއި، ފަތްކުނި ކޮމްޕޯސްޓްކުރުމަކީ ރާއްޖޭގައި ދާދި ފަހުން ތައާރަފްކުރި ޚިދްމަތެކެވެ. ކޮމްޕޯސްޓް ކުރެވިގެންދަނީ ގޭބިސީތަކުން ބޭރުކުރާ ކުންޏާއި ކާބޯތަކެއްޗާއި، ފަތްކުނީގެ ބާވަތްތަކުންނެވެ. ކުންޏާއި ކާބޯތަކެއްޗާއި، ފަތްކުނީގެ ބާވަތް ކޮމްޕޯސްޓްކޮށްގެން އުފައްދާ ފައިނަލް ޕްރޮޑަކްޓަކީ ކާދެވެ. ފައިނަލް ޕްރޮޑަކްޓް އުފެއްދުމަށް ގާތްގަޑަކަށް 11 ހަފަތާއެއްހާ ދުވަސް ހޭދަވެއެވެ.  

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަދައްކަވަމުން ހުޅުމީދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ޑިއުޓީ އޮފިސަރ ހުސެއިން ފާއިޒް ވިދާޅުވީ ހުޅުމީދޫއަކީ ދަނޑުވެރިކަން ކުރާ ރަށަކަށްވެފައި އެ ސެންޓަރުން އުފައްދާ ކާދުގެ ބާވަތް އެންމެ ގިނައިން ބެނުންކުރަނީ ހުޅުދޫ ދަނޑުވެރިކަމުގެ މަސައްކަތަށް ކަމަށެވެ.

ވެމްކޯގެ ޚިދްމަތް ހުޅުމީދޫގައި ފެށުމުގެ ކުރިން ހުޅުމީދޫގެ ކުނި މެނޭޖްކުރުމަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނެވެ. އެހެން ނަމަވެސް ހުޅުމީދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރެވި، ރައްޔިތުންނަށް ޚިދްމަތް ފޯރުކޮށްދޭންފެށިފަހުން ހުޅުމީދޫގެ ކުނިބުނި ނައްތާލުމަށް ވަރަށް ބޮޑެތި ލުއިފަސޭތަކެއްވެގެންދިޔައެވެ. ހުޅުމީދޫގައި ވެމްކޯގެ  ޚިދްމަތް ދިނުމަށް 2 ކޮމްޕެކްޓަރ ޓްރަކާއި 1 ޑަމްޕްޓްރަކްޓަރު ބޭނުންކުރެއެވެ. އައްޑޫސިޓީ ހުޅުމީދޫގައި 510 ގޭބިސީއަކުންނާއި 35 ވިޔަފާރިއަކުން ދަނީ ވެމްކޯގައި ރަސްޖިޓްރީކޮށްގެން ޚިދްމަތް ހޯދަމުންނެވެ.