ޚަބަރު

މާލެއިން 66 ބިމެއް ވިއްކުމަށް ހުޅުވާލައިފި


ވެށިފަހި މާލެ ޕްރޮގްރާމްގެދަށުން ދޫކޮށްލާފައިވާ 66 ބިމެއް ވިއްކުމަށް ހައުސިންގ މިނިސްޓްރީން ހުޅުވާލައިފިއެވެ. 

އެގޮތުން މިބިންތަކަކީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގެދަށުން ވިއްކުމަށް ނިންމާފައިވާ ބިންތަކެކެވެ. 

މި 66 ބިމަކީ ވެށިފަހި ހައުސިންގ މަޝްރޫޢުގެދަށުން މާލެއާއި ހުޅުމާލެއިން ފްލެޓް ލިބުނު މީހުން މާލެއިން ދޫކޮށްލާފައިވާ ބިންތަކެވެ. ވެށިފަހި މާލެ ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގައި ބިން ގައުމަށް ހުޅުވާލާފައިވަނީ، އެބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އެ ބިންތަކާއި އިންވެގެންވާ ގޯތިތަކުގެ ވެރިންނަށެވެ. 

ވިއްކުމަށް ހުޅުވާލާފައިވާ ބިންތަކުގެތެރޭގައި، ހިމެނެނީ މާފަންނުން 25ބިމަކާއި، މައްޗަންގޯޅިން ފަސްބިމަކާއި، ގަލޮޅުން އެގާރަބިން އަދި ހެންވޭރުން 25 ބިމާއިއެކު ޖުމްލަ 66 ބިމެވެ. 

ހައުސިންގ މިނިސްޓްރީން ވިއްކުމަށް ހުޅުވާލާފައިވާ ބިންތަކުގެތެރޭގައި ހިމެނެނީ 60 އަކަފޫޓާއި ހަސަތޭގަ އަކަފުޓާ ދެމެދުގެ ބިންތަކެވެ. 

ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް ދެހާސް ރުފިޔާގެ ރޭޓުންނެވެ. މި ބިންތައް ވިއްކުމުގައި ޢަމަލުކުރާނީ ވެށިފަހި މާލެ ޕްރޮގްރާމްގެދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލާއި އެއްގޮތަށެވެ. މި އުސޫލުގައި ބަޔާންކޮށްފައިވާގޮތުން ބިންތައް ވިކުމުގައި އެންމެ އިސްކަމެއްދޭނީ ވިއްކާ ބިމާއި އިންވެގެން އޮންނަ ބިންތަކުގެ މިލްކުވެރިންނަށް ވިއްކުމަށެވެ. ވިއްކަން ނިންމާ ބިނާއި އިންވެގެން އޮންނަ ބިމެއްގެ މިލްކުވެރިއަކު އެ ބިން ގަތުމަށް ބޭނުންނުވާނަމަ އެ ނޫން ފަރާތަކަށް ބިން ވިއްކާނީ ބީލަމުގެ އުސޫލުން އެންމެ ބޮޑުއަގުގައި ހުށަހަޅާ ފަރާތަކަށެވެ. 

ބިން ގަތުމަށް ބޭނުންވާ ފަރާތްތަކުން ބިން ގަތުމަށް ފޯނު ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ މާޗްމަހުގެ 22ވަނަ ދުވަހެވެ. ހައުސިންގ މިނިސްޓްރީން ވިއްކަން ހުޅުވާލާފައިވާ ބިންތަކުގެ ޗާޓާއި، ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމް ހައުސިންގ މިނިސްޓްރީގެ ވެބްސައިޓާއި ރިސެޕްޝަނުން ލިބެން ހުންނާނެއެެވެ. 

ވެށިފަހި މާލެ ޕްރޮގްރާމްގެދަށުން ދަޢުލަތަށް މިލްކުވެފައިވާ ތިރީސް ހަތް ބިމެއް ކުރިންވެސްވަނީ ވިއްކާފައެވެ. މި ބިންތަކަކަކީ ވެށިފަހި މާލެ ޕްރޮގްރާމްގެދަށުން ދަޢުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއިބެހޭ އުސޫލުގެ ފުރަތަމަ ފިވަހީގެދަށުން ވިއްކާފައިވާ 37ބިމެވެ.