ޚަބަރު

މިއަހަރު ހުރިހާ ރަށެއްގައި ކުނި ކޮށި އަޅައި ނިމޭނެ - ޠާރިޤް


ކުނި މެނޭޖްކުރުމުގެ ސިޔާސަތުގެ ދަށުން، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި ކޮށި އަޅާ ނިންމާނެ ކަމަށް އެންވަޔަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ، ހަރަށެއްގެ ކުނި މެނޭޖްކުރާ  ސަރަޙައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނާއެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް މާލެއެކޭ އެއްގޮތަށް އަތޮޅުތަކާއި ސަރަޙައްދީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދެއެވެ. އެގޮތުން މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މިކަމާ ގުޅޭ މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ. އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ ސިޔާސަތުގެ ދަށުން، މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި ކޮށި ޤާއިމްކޮށް ނިންމާނެ ކަމަށާއި އެކަމަށް ބޭނުންވާ ވަޞީލަތްތަށް ހަމަކުރުމުގެ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

''މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހައި ރަށެއްގައި ކުނި ކޮށި ހުންނާނެ. އެކުނިކޮށިތަކަށް އިތުރަށް ބޭނުންވާ ކަންކަން (ފުރިހަމަކުރުމުގެ މަސައްކަތްތަށް( ކުރެވެމުންދަނީ. އޭގެ ތެރޭގައި ބައެއް އިކުއިޕްމަންޓް ހޯދައި މީހުން ޓްރެއިންކޮށް މިކަންތައް ކުރަމުންދަނީ. މިއީ ރާއްޖެ ހަތް ރީޖަނަލް ސެންޓަރަކަށް ބަހާލައިގެން ކުރިޔަށް ގެންދަނީ'' އަޑު: މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވިއެވެ. 

ސަރަޙައްދީ ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ގޮތުން ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަށް މިހާރު ހަދާފައިވަނީ ނ، ރ، ބ، ޅ އަތޮޅުގައި. މީގެ ތެރެއިން ބައެއް ރަށްރަށުން ކުނި ކަލެކްޓް ކުރުމަށް ވެމެކޯއާއެކު އެއްބަސްވެފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މާލޭ ސިޓީގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ތިލަފުށީގައި ކުނި އެންދުމުގެ މައްސަލަ މުޅިން ޙައްލުވެގެންދާނެކަމަށް ވިދާޅުވިއެވެ.

''މިއަހަރުގެ ތެރޭގައި ތިލަފުށީގައި ކުނި އެންދުމުގެ މައްސަލަ ޙައްލުކޮށް، ކުނި އެންދުން ހުއްޓާލާނެ. މިއީ އެއްވެސް ސަރުކާރެއްގައި ކުރެވުނު ކަމެއް ނޫން. ކުނި އެންދުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާއި އުނދަގޫތަކެއް އެބަދިމާވާ، ވަހުގެ އުނދަނގުލާއި، މެހީގެ އުނދަގޫ އެބަދިމާވޭ '' މިނިސްޓަރ ތާރީޤް އިބްރާހީމް ވިދާޅުވިއެވެ. 

މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައިވެސް، ރާއްޖޭގެ ހަ ސަރަޙައްދެއްގައި ހަދާފައިހުރި ކުނި މެނޭޖްކުރާ ސަރަޙައްދަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފައެވެ. މިމަޝްރޫޢަށް 2.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ. މީގެ އިތުރުން ދ.ރިނބިދޫ، ފ.މަގޫދޫގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރުތަށް ޤާއިމްކުރުމަށްވެސް ވަނީ ދެކުންފުންޏަކާ ޙަވާލުކޮފައެވެ.