ކުޅިވަރު

އެންމެ މޮޅު ކުރިކެޓް ކުޅުންތެރިންނަށް ޝާހިދާއި މިއުސާން


2016 ވަނަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަޤާމް ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުﷲ ޝާހިދު އަދި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ޒުވާން ކުޅުންތެރިޔާ މިއުސާން ހާމިދު ހޯދައިފިއެވެ. 

ދެ ކުޅުންތެރިންނަށްވެސް އެވޯޑް ދިނީ ރޭ ބޭއްވި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ގާލާ ނައިޓްގައެވެ. 2016 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާ ޝާހިދަކީ މިހާރު ފުރަތަމަ ޑިވިޝަންގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ކުޅުންޔެރިޔާއެވެ. 2016 ވަނަ އަހަރުގެ އެންމެ މޮޅު ބެޓްސްމަނަކީވެސް އޭނާއެވެ. ޤައުމީ ޓީމް ހޯދި ހުރިހާ ކާމިޔާބީއެއްގައިވެސް މުޙިއްމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިޔާ މިހާރުވެސް އަންނަނީ ޒުވާން ކުޅުންތެރިންނާ އެއް ހަމައެއްގައި ވާދަކުރަމުންނެވެ. 

މިއުސާންއަކީވެސް ޤައުމީ ޓީމްގެ މުޙިއްމު ކުޅުންތެރިއެކެވެ. އުމުރުފުރާގެ ޓީމްތަކުން ފެށިގެން ޤައުމީ ޓީމަށް ކުޅެމުން އަންނަ މިއުސާން އެންމެ ފުރަތަމަ ފާހަގަކުރެވުނީ 19 އަހަރުން ދަށުގެ ޓީމުންނެވެ. ދެ ކުޅުންތެރިންނަށްވެސް ޓްރޮފީ ހަވާލުކޮށްދެއްވީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހުއެވެ. 

2016 ވަނަ އަހަރާއި 2017 ވަނަ އަހަރުގެވެސް އެންމެ މޮޅު ބޯލަރަކީ އިބްރާހީމް ރިޒާންއެވެ. 2016 ވަނަ އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ އާދަމް ނާސިފް އުމަރެވެ. 2017 ވަނަ އަހަރުގެ އެންމެ މޮޅު ބެޓްސްމަނަކީ ހަސަން ހާޒިޤު ރަޝީދެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ އިބްރާހީމް ނަޝާތެވެ.

މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ކުރިޔަށްގެންދިޔަ މި އެވޯޑް ނައިޓްގައި ވަނީ، ވޭތިވިދިޔަ ދެ އަހަރުގެ އެންމެ މޮޅު ސްކޫލާއި އެންމެ މޮޅު ކްލަބުވެސް ހޮވާފައެވެ. އެގޮތުން 2016 އަދި 2017 ވަނަ އަހަރު ކްރިކެޓްގެ ދާއިރާއިން އެންމެ ހަރަކާތްތެރިވި ސްކޫލަކަށް ހޮވިފައިވަނީ ތާޖުއްދީން ސްކޫލެވެ. 

img:http://s4.psmnews.mv/images/660x400/15194484560640.jpg|2016 ވަނަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ ޝާހިދަށް ޓްރޮފީ ދެނީ: ފޮޓޯ-ޕީއެސްއެމް

2016 ވަނަ އަހަރުގެ އެންމެ މޮޅު ކްލަބަކަށް މާލޭ ސްޕޯޓްސް ކްލަބް ހޮވުނު އިރު 2017 ވަނަ އަހަރުގެ އެންމެ މޮޅު ކްލަބަކަށް ހޮވުނީ ސީބީއެލް ސްޕޯޓްސް ކްލަބެވެ. 2016 ވަނަ އަހަރު އަތޮޅުތެރެއިން އެންމެ މޮޅު ކޯޗަކީ ލިއަމްއެވެ. އަދި މިދިޔަ އަހަރު އަތޮޅު ތެރެއިން އެންމެ މޮޅު ކޯޗަކީ ލިރުޣާމް ސައީދެވެ. 

ނިމިގެން ދިޔަ އަހަރުގެ އަންހެން އެންމެ މޮޅު 5 ކުޅުންތެރިންވެސް ވަނީ ހޮވާފައެވެ. އެންމެ މޮޅު އަންހެން ފަސް ކްރިކެޓް ކުޅުންތެރިންނަކީ އައިޝަތު ހަމްޒާ ނިޔާޒް، މަރިޔަމް އީޝާލް އިބްރާހިމް، އައިޝަތު ލީން ލުތްފީ، މަރިޔަމް އީމާން އަދި އައިޝަތު ފައިހާ ފައިސަލްއެވެ.  '

ކްރިކެޓަށް ޚިދުމަތްކުރެއްވި ފަރާތްތަކާއި، ސްޕޮންސަރުންގެ އަގުވެސް ރޭ ބޭއްވި އެވޯޑް ނައިޓްގައި ވަނީ ވަޒަންކޮށްފައެވެ.