ޚަބަރު

ތަހްޤީޤަށް ބޭނުންވާ ބައެއް މަޢުލޫމާތު މެލޭޝިޔާއިން ހޯދަނީ


ރާއްޖޭގެ ޤާނޫނީވެރިކަން ވައްޓާލުމަށް ބަޔަކު ކުރި މަސައްކަތް ތަހްޤީޤް ކުރުމަށް މެލޭޝިޔާ ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މެލޭޝިޔާގައި ހުންނަ ދިވެހި ސަފީރު މުޙައްމަދު ފަޙްމީ ޙަސަނާ ޙަވާލާދީ ޕީޕީއެމްގެ ތަރުޖަމާނު ޢަލީ އާރިފް ވިދާޅުވީ، ރާއްޖޭގެ ޤާނޫނީ ވެރިކަން ވައްޓާލުމަށް ބަޔަކު ކުރި މަސައްކަތުގެ ބައެއް ކަންކަން މެލޭޝިއާގައިވެސް ކުރިއަށް ގެންގޮސްފައިވާކަމަށް ތުހުމަތު ކުރެވޭތީ، އެކަމާގުޅޭ މައުލޫމާތު ހޯދުމަށް ދިވެހި ދައުލަތުގެ ފަރާތުން މެލޭޝިއާ ސަރުކާރުގައި އެދިފައި ވާކަމަށެވެ. އަދި މިކަމާ ގުޅިގެން އެއްކުރަންޖެހޭ މައުލޫމާތު އެއްކުރުމަށްފަހު ވީ އެންމެ އަވަހަކަށް ދިވެހި ސަރުކާރާ ހިއްސާ ކުރާނެކަމަށް، މެލޭޝިއާގެ ފޮރިން މިނިސްޓްރީން މައުލޫމާތި ދިންކަމަށް، ސަފީރާ ޙަވާލާދީ ޢަލީ އާރިފް ވިދާޅުވިއެވެ. 

މީގެ އިތުރުން ދިވެހިރާއްޖޭގައި މިހާރު ހިނގަމުންމިދާ ކަންކަން ހައްލުކުރުމުގެ ޤާބިލުކަން ދިވެހިސަރުކާރުގައި ހުރިކަމަށް ޤަބޫލުކުރާކަމަށް މެލޭޝިއާ ސަރުކާރުން ބުނެފައިވާ ކަމަށާއި، އެހެންކަމުން ދިވެހިރާއްޖެއަށް ދަތުރުކުރުމާގުޅޭ ޓްރެވަލް އެޑްވައިޒަރީއެއް ނުނެރުމަށް ނިންމާފައިވާކަން ޢަލީ ޢާރިފް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކަންކަން ޙައްލުކުރުމުގެ ޤާބިލުކަން ދިވެހި ސަރުކާރުގައި ހުރިކަމަށާއި، މަޝްވަރާކޮށްގެން ކަންކަން ޙައްލުކުރެވޭނެކަމަށް ސައުދީ ޢަރަބިއްޔާ އަދި ޔޫ.އޭ.އީ ފަދަ ޤައުމުތަކުންވެސް ވަނީ ބުނެފައެވެ.