ޚަބަރު

"ރާއްޖެ ބަނޑަށްޖެހޭނެ ކަމަށް ޤާސިމް ވިދާޅުވީ އޮޅުވާލަން"


ކުރިއަށްއޮތް ދެމަސްދުވަހުގެ ތެރޭގައި ރާއްޖެ ބަނޑަށް ޖެހިދާނެކަމަށް ޤާސިމް އިބްރާޙީމް ވިދާޅުވި ވިދާޅުވުމަކީ އޮޅުވާލުމަށް ދެއްކި ވާހަކަތަކެއްކަމަށް ބުނެ ޕީޕީއެމުން އެވާހަކަތަކަށް ރައްދުދީފިއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ދިވެހިރާއްޖެ ބަނޑަށް ޖެހެނީކަމަށް ބުނެ ޤާސިމް އިބްރާހީމް، ރޭ ވީޓީވީގައި ވާހަކަ ދައްކާފައިވަނީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުކަމަށް ކަމަށެވެ. އަދި އެއީ އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތަކަށް މީހުން ނުދާތީ، އެތަނަށް ދާ މީހުންގެ ޢަދަދު އިތުރުކުރުމަށް ޤާސިމް ދެއްކި ދޮގު ވާހަކަ ތަކެއްކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ޢަބްދުއްރަޙީމް ވިދާޅުވީ، ދިވެހިރާއްޖެ ބަނޑަށް ނުޖެހޭނެކަން ރައީސް ޔާމީން ބުދަދުވަހުގެރޭ އިއްވި ރިޔާސީ ބަޔާނުންވެސް ހާމަވާކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ޝަރުޢީ ކޯޓްތަކުން ޙުކުމްކޮށްފައިތިބި ޤައިދީންގެ އިންޓަރވިއުތައް ރާއްޖޭގެ މީޑިއާތަކުން ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް ރާއްޖޭގެ މީޑީއާތަކަށް ގޮވާލާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ އިސްތަރުޖަމާނު، އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަލީ އާރިފް ވިދާޅުވީ، ސަލާމަތީ ބާރުތަކުން ދިވެހިރައްޔިތުންނަށްޓަކައި ކުރަމުންދާ މަސައްކަތްތައް ޕީޕީއެމުން އެންމެ މަތީ ދަރަޖައިގައި ބަލައިގަންނަކަމަށެވެ.

ޕީޕީއެމުން ބުނީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ސަރުކާރާއި، ރައީސް ޔާމީނަށް އޮތް ތާއީދު އިތުރުވަމުންދާކަމަށާއި އައްޑޫސިޓީގައި ބޭއްވި ޙަރަކާތުން މިކަން ހާމަވެފައިވާކަމަށެވެ.