ޚަބަރު

ބަސްކުރިއެރުވުމުގައި ނޫސްވެރިންގެ ދައުރު ބޮޑު


ދިވެހިބަސް އެންމެ ފުރިހަމަ ގޮތުގައި ތަރައްޤީކޮށް ކުރިއެރުވުމަށް ސްކޫލްތަކުންނާއި މީޑިއާތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ޑިފެންސް މިނިސްޓަރ ގޮވާލައްވައިފިއެވެ. މިނިސްޓަރ މިކަމަށް ގޮވާލެއްވީ މާދަރީ ބަހުގެ ދުވަސް ފާހަގަކުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރުފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަހުމަދިއްޔާ އިންޓަރނޭޝަން ސްކޫލްގައި، ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ޤައުމެއްގެ ޤައުމިއްޔަތާއި ޘަޤާފަތް ކުރިއަރުވާ ތަރައްޤީކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއްޗަކީ އެބައެއްގެ ބަސް ކަމަށެވެ. 

ބަސް ދިރުވާ އާލާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ،

ދިވެހި ބަސް ކުރިއަރުވުމުގައި މަގުފަހިވާ ކަންތައްތަކާއި، ބަސް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި ނޫސްވެރި ކަމުގެ ދައުރު ބޮޑުކަމަށެވެ.ބަސް ތަރައްޤީކޮށް ކުރިއެރުމަށްޓަކައި، ޓެކްނޮލޮޖީއަކީ ދިވެހިބަހާ ދޯޅަ އެއްޗަކަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވާ ޑިފެންސް މިނިސްޓަރ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ސްމާޓް ފޯނުތަކުގައި ދިވެހި ބަހުން އިރުޝާދު ދޭ ގޮތަށް އޮތުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ. މުޖުތަމަޢުގައި ބަހަށް  އޮތް ލޯބި އިތުރުކޮށް، ބަސް ޙިމާޔަތްކޮށް އަންނަން އޮތް ޖީލުތަކާ ހަމަޔަށް ރައްކާތެރިކޮށް ފޯރުކޮށް ދެއްވުމުން ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވަނީ، ކުށެއް ނެތް ސާފު ދިވެހި ބަހުން ވާހަކަދެއްކުމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ.

މާދަރީ ބަހުގެ ދުވަހުގެ ޖަލްސާގައި، ދިވެހިބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ބޭއްވި މަޒްމޫނު ލިޔުމާއި ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް، އެކި އުމުރު ފުރާތަކުން ވަނަވަނައަށް ހޮވުނު ދަރިވަރުންނާއި ސްކޫލަތަކަށް ވަނީ އިނާމާ ތަށި ޙަވާލުކޮށްފައެވެ. ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމާ ތަށި ޙަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ.

މާދަރީ ބަހާ ގުޅުވައިގެން ސްކޫލްތަކުގެ ދަރިވަރުން ތައްޔާރުކޮށްފައިވާ ތަފާތު އައިޓަމްތަށް މިޖަލްސާގައި ވަނީ ހުށަހަޅައިދީފައެވެ.