ސިޔާސީ

އެމްޑީޕީން ވޯޓުދޭނީ އެ ޕާޓީގެ ސިޔާސަތަށް ތާއީދުކުރާ ފަރާތަކަށް- އެމްޑީޕީ





 


އަށާވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު އިންތިޚާބުކުރުމުގައި އެމްޑީޕީން  ވޯޓު ދޭނީ އެޕާޓީގެ ސިޔާސަތުތަކަށް ތާއީދުކުރާ ބޭފުޅަކަށް ކަމަށް އެޕާޓީން ނިންމައިފިއެވެ.


 
މަޖިލީހުގެ ރައީސަކު ހޮވަން ވޯޓުދިނުމަށް އެމްޑީޕީންވަނީ 8 ޝަރުތެއް ކަނޑައަޅާ، އެ ޝަރުތުތައް އިޢުލާން ކޮށްފައެވެ.


 
އެމްޑީޕީން ނެރުނު ބަޔާނެއްގައި އެ ޕާޓީން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރަން ހުރި ހުރަސްތައް ނައްތާލާ، ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް އެއްބާރުލުންދިނުމާއި، ކައުންސިލްތައް ބާރުވެރިކުރުވައި، ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތަކަށް ގާނޫނު އިސްލާހުކުރުން ހިމެނެއެވެ. އަދި މަސައްކަތްތެރިންނަށް ލިބެންޖެހޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި، އިޖުތިމާއީ ރައްކާތެރިކަން ހަރުދަނާކޮށް، ޚާއްސަގޮތެއްގައި އާސަންދަ ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދިނުންވެސް ހިމެނެއެވެ.


 
މީގެއިތުރުން ދައުލަތާއި އެއްކޮށް ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ އިތުބާރު އުފައްދާ އިންވެސްޓަރުންނަށް އޮތް ނުތަނަވަސްކަން ނައްތާލުމާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ކޮންޓްރެކްޓް އުވާލުމުގެ ސަބަބުން އުފެދިފައިވާ ބައިނަލްއަގުވާމީ މައްސަލަތައް ހައްލުކުރުމުގައި އެޕާޓީއާއެކު މަސައްކަތްކޮށް، ޓެކްސްގެ ނިޒާމް ފުރިހަމަކުރުމަށް އާމްދަނީންނެގޭ ޓެކްސް ތައާރަފްކޮށް، ޓީޖީއެސްޓީ 8 ޕަސެންޓުގައި ހިފަހައްޓައި އިމްޕޯޓް ޑިއުޓީ އުވާލަން މަސައްކަތް ކުރަން ވެސް ޝަރުތުކޮށްފައިވެއެވެ.


ރައްޔިތުންގެ ފަޤީރުކަން ނައްތާލުމަށް އޮތް އެންމެ އަވަސް މަގަކީ ގެސްޓު ހައުސްގެ ވިޔަފާރި ކުރިއެރުވުން ކަމަށްވާއިރު، އެވިޔަފާރި ފުޅާކުރަން ހުރި ހުރަސްތައް ނައްތާލުމަށް އެޕާޓީއާ އެކު މަސައްކަތް ކުރަން އެއްބަސްވާ ބޭފުޅަކަށް ވޯޓުދޭނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.


 
އަށާރަ ވަނަ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވާނެކަން މިހާތަނަށް ހާމަކުރައްވާފައިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމުންނެވެ.


 


އެގޮތުން ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރިމަތިލައްވާއިރު ޕީޕީއެމުން ނެރޭނީ ކޮންބޭފުޅެއް ކަމެއް އެޕާޓީން އަދި ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ސަތާރަވަނަ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްވެސް ވަނީ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައެވެ.