ޚަބަރު

ރިޔާސީ އިންތިޚާބު އިންސާފުވެރި، މިނިވަން އިންތިޚާބަކަށްވާނެ


ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނޭކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް އެކޮމިޝަނުން ފަށާފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހު އިންތިޚާބު ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސްގެ ބަޔާނުގައި މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަކީ އިންސާފުވެރި މިނިވަން އިންތިޚާބެއްކަމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ފާހަގަކޮށްފައިވާއިރު، މިއަހަރުގެ އިންތިޚާބުގައިވެސް ބޭރުގެ ފަރާތްތަކާއެކު މަސައްކަތްކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މިގޮތުން އިންތިޚާބުގެ ޤާނޫނީ އަދި އިދާރީ އޮނިގަނޑު ދިރާސާކުރެއްވުމަށްފަހު ޔޫރަޕިއަން ޔޫނިއަނުން ދެއްވާފައިވާ ހުށަހެޅުންތައް ތަންފީޒުކުރަމުންދާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ބަޔާނުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރާ ގޮތުގައި ޖުލައިމަހު ރަސްމީކޮށް ރިޔާސީ އިންތިޚާބަށް އިޢުލާންކުރާނެއެވެ.