ޚަބަރު

އިންޑިއާ ސަރުކާރުގެ ވިސްނުމާ އެޤައުމުގެ ރައްޔިތުން ދެކޮޅު!


އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންދާކަމަށް ބުނެ، އެޤައުމުގެ ގިނަ ބަޔަކު އިންޑިއާ ސަރުކާރަށް ފާޑު ކިޔަން ފަށައިފިއެވެ.

ރާއްޖޭގައި އިޢުލާންކޮށްފައި އޮތް ކުއްލި ޙާލަތު އިތުރުކުރުމުން، އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ވަކި ގޮތަކަށް އަމަލުކުރުމަށް ރާއްޖެއަށް އަންގާ ބަޔާނެއް ނެރެފައެވެ. އިންޑިއާގެ މީޑިއާތަކުން މިބަޔާނާ ގުޅޭގޮތުން ޝާއިޢުކޮށްފައިވާ ރިޕޯޓްތަކަށް އެޤައުމުގެ މީހުން ކޮށްފައިވާ ކޮމެންޓްތަކުގައި ވަނީ ވަރަށް ބޮޑަށް އެޤައުމުގެ ސަރުކާރަށް ފާޑުކިޔާފައެވެ.

ކޮމެންޓްކުރި ބައެއް މީހުން ބުނެފައިވަނީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާއިން ވަންނަނީ އެޤައުމުގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަމުންކަމަށެވެ. އަދި އެމެރިކާ ނުވަތަ އިނގިރޭސިވިލާތް ފަދަ ބޮޑު ޤައުމަކުން އިންޑިއާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން އިންޑިއާއިން ރުހޭނެތޯވެސް ބައެއް މީހުން ސުވާލުކުރިއެވެ.

img:http://s2.psmnews.mv/images/660x400/15193035950140.jpg|އިންޑިއާ ސަރުކާރާ ދެކޮޅަށް ކޮށްފައިވާ ކޮމެންޓެއް

އިންޑިއާގެ ބަޔާނަށް ކޮމެންޓްކުރި ބައެއް މީހުން ބުނީ އިންޑިއާ ސަރުކާރުން އެޤައުމުގައި ހުރި މައްސަލަތަކަށް ސަމާލުކަން ދިނުން މުހިއްމުކަމަށެވެ. އެގޮތުން އިންޑިއާގެ އެންމެ ބޮޑު އެއް ބޭންކުގެ ތެރެއިން ސަރުކާރަށް ނިސްބަތްވާ ބަޔަކު ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުޤީޤްކުރުން އަވަސްކުރުމަށް ބައެއް ފަރާތްތަކުން ގޮވާލިއެވެ. މީގެ އިތުރުން އިންޑިއާގެ މުސްލިމުންނަށް ހައްދު ފަހަނަ އަޅާފައިވާ ހިންދޫއިންގެ ސަރުކާރުން ޖެއްސުން ކުރުމަށްފަހު، މިހާރު ކައިރި ޤައުމުތަކަށްވެސް އެމީހުން ޖެއްސުންކުރަން ފެށީތޯވެސް ބައެއް މީހުން ސުވާލުކުރިއެވެ.  

އިންޑިއާ ސަރުކާރަށް ފާޑުކިޔަމުން ބައެއް ފަރާތްތަކުން ބުނެފައިވަނީ، އިންޑިއާގައި މިހާރު ވެރިކަން ކުރާ ޕާޓީން އެޤައުމުގައި އޮތް ޑިމޮކްރަސީ ހަލާކުކޮށްލައިފައިވާ ކަމަށެވެ. އެހެންކަމުން އިންޑިއާގައި ޑިމޮކްރަސީގެ އުސޫލުތައް އަލުން އިޔާދަކުރަންޖެހޭކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މީގެ އިތުރުން އެޤައުމުގެ ޖުޑީޝަރީ އާއި ޤާނޫނުހަދާ މަޖިލީހުގައި ހުރި މައްސަލަތައްވެސް ޙައްލުކުރުމަށް އިންޑިއާ ސަރުކާރަށް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

img:http://s3.psmnews.mv/images/660x400/15193036088473.jpg|އިންޑިއާ ސަރުކާރާ ދެކޮޅަށް ކޮށްފައިވާ ކޮމެންޓެއް

ފެބްރުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ބައެއް ޤައުމުތަކުން ދަނީ އެކަމަށް ގޮތް ކިޔާ، ފާޑު ކިޔަމުންނެވެ. ނަމަވެސް ޗައިނާ އަދި ސަޢުދީ ޢަރަބިއާ، އަދި އެހެން ބައެއް ބޮޑެތި ޤައުމުތަކާއި ޖަމްޢިއްޔާތަކުން ވަނީ، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ޤައުމުތަކުން ނުވަނުމަށް ގޮވާލާފައެވެ.  

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޖެހިގެން އުޅޭ މައްސަލަ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ޙައްލުކުރުމަށް އދއިން ގޮވާލާފައިވާއިރު، ސަރުކާރުން ވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ހުރިހާ ޕާޓީތަކަކަށް ދަޢުވަތުދެއްވާފައެވެ. ނަމަވެސް އެމަޝްވަރާތައް ނުފެށިގެން އުޅެނީ އިދިކޮޅު ފަރާތްތަކުން އެކަމަށް އެއްބާރުލުން ނުދޭތީކަމަށް ސަރުކާރުން ބުނެއެވެ.