ޚަބަރު

30 ޤައިދީއަކަށް ސްޓެލްކޯގައި މަސައްކަތްކުރުމުގެ ފުރުޞަތު ދީފި


ފުރަތަމަ ފަހަރަށް މިނިވަން މާހައުލަކަށް ޤައިދީން ނެރެ މަސައްކަތްކުރުވުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޗަނަލް ސަރވިސްއާއި ސްޓެލްކޯއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން، އެކި ކަހަލަ ކުށްތަކުގައި ހުކުމްކޮށްފައިވާ 30 ގައިދީއަކަށް ސްޓެލްކޯގައި މަސައްކަތް ކުރުމުގެ ފުރުޞަތުވަނީ ދީފައެވެ. ކަރެކްޝަނަލް ސަރވިސަސްގެ ޕްރިޒަން ކޯޕަރޭޓް ސޮސައިޓީގެ ބެލުމުގެދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަށް ހޮވާފައިވަނީ ސެކިއުރިޓީ ރޭޓިންގ ދަށް، އަޙްލާގީ ފެންވަރު ރަނގަޅު ގައިދީންނެވެ.

މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯއާއި ކަރެކްޝަނަލް ސަރވިސްއާއި ދެމެދު އެއްބަސްވެފައިވަނީ އެއް އަަހަރު ދުވަހުގެ ޕްރޮގްރާމެއް ހިންގުމަށެވެ. ނަމަވެސް އެއްއަަހަރު ހަމަވުމުން އިތުރަށް އިވެލުއޭޓްކުރުމަށްފަހު އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާއި ޤައިދީން އިތުރުކުރުމަށް މަސައްކަތް ކުރުމަށް ނިންމާފައިވެއެވެ. މި ޤައިދީން ސްޓެލްކޯގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 100 ރުފިޔާއާއި 150 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ދިނުމަށްވަނީ ކަނޑައަޅާފައެވެ.

ގައިދީން ސްޓެލްކޯގެ މަސައްކަތްތައްކަށް ނެރުމަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކަރެކްޝަނަލް ސަރވިސެސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ވިދާޅުވީ މި މަސައްކަތަށް ހޮވާފައިވަނީ އެންމެ އަޙްލާޤް ރަނގަޅު ޤައިދީންކަމަށެވެ. އަދި މި ޤައިދީން ސައިޓަށް ގެންދިއުމާއި ގެނައުމުގެ މަސައްކަތާއި، ސައިޓުތަކުގައި މަސައްކަތް ކުރަމުންދާ ވަގުތު ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އަބަދުވެސް މޮނިޓަރ ކުރަމުންދާނެކަމަށެވެ. އަޙްމަދު ޝިހާން ވިދާޅުވީ މި ކުރާ މަސައްކަތުގެ ސަބަބުން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، އެކި ހުނަރުތައް ގައިދީންނަށް ދަސްވެ، އެލަވަންސްތައް އިތުރުވެމުގެ ފުރުޞަތު ލިބޭނެކަމަށެވެ.

ސްޓެލްކޯގެ ސީއީއޯ އަޙްމަދު ޒުހޫރު ވިދާޅުވީ މުޖުތަމަޢުއަށް ފައިދާހުރި ކަމެއް ކުރުމަކީ ކޮންމެ ކުންފުންޏަކުންވެސް ކުރުން މުހިންމު ކަމެއްކަމަށެވެ. އެގޮތުން ޖަލު ހުކުމް ތަންފީޒް ކުރަމުންދާ މީހުންގެ ތެރެއިން އެކި މަސައްކަތްތަކުގެ ހުނަރު ލިބިފައިތިބި މީހުންނަށް ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެދަށުން ކުރާ މި މަސައްކަތުގެ ސަބަބުން އިތުރު ފުރުޞަތުތަކެއް ފަހިވެ، މުޖުތަމުގައި އެމީހުންނަށް އިތުރު ފުރުޞަތެއްދެވި، ޤައުމުގެ އިޤްތިޞާދް ކުރިއެރުވުމުގައިވެސް އެމީހުންގެ ބައިވެރިވުން އިތުރުކުރެވޭނެކަމަށެވެ.

އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރާ ގައިދީންނަށް އެކަމާއިގުޅޭ ލިޔުމެއްވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ ސަބަބުން މިނިވަންވެ މުޖުތަމަޢުއަށް ނިކުންނައިރު ވަޒީފާ ހޯދުމަށް ފަސޭހަވުމާއި، ސްޓެލްކޯގައި ހުރި ވަޒީފާގެ ފުރުޞަތުތައްވެސް އެ މީހުންނަށް ފަހިކޮށްދެވޭނެކަމަށް ޒުހޫރު ވިދާޅުވިއެވެ.

އިންޖީނުގޭގެ އެކިއެކި މަސައްކަތްތަކާއި، ކޭބަލް އެޅުމުގެ މަސައްކަތާއި، ވެލްޑިންގކުރުމާއި އެކިއެކި ސައިޓް މަސައްކަތްތައް ގައިދީންނާއި ހަވާލުކޮށްގެން ކުރުމަށް ހަމަޖެހިފައިވެއެވެ. ކަރެކްޝަނަލް ސަރވިސްއިން ބުނީ މަސައްކަތުގެ ޝެޑިއުލް ތައްޔާރުކޮށް ނިމުމާއެކު ޤައިދީން މަސައްކަތަށް ނެރޭނެކަމަށެވެ. ސްޓެލްކޯގައި މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާ ގައިދީން ބޭއްތިއްބުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ޖަލުގައެވެ.