ޚަބަރު

2017 ވަނަ އަހަރު އިޤްތިޞާދީ ދުވެލި 0.7 އިންސައްތަ އިތުރުވި


ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި 2017 ވަނަ އަހަރު 0.7 އިންސައްތަ ކުރިއަރާފައިވުމަކީ، ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވި ވަމުން އަންނަ ކަމުގެ ނިޝާނެއްކަމަށް ރައީސުލްޖުމްހޫރިއްްޔާ ވިދާޅުވެއްޖެއެވެ.  މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޔާމީން ވިދާޅުވީ، 2018 ވަނަ އަހަރު ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭކަމަށެވެ.

2018 ވަނަ އަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2017 ވަނަ އަހަރު ޤައުމުގެ އިޤްތިޞާދީ ދުވެލި ވަނީ 6.2 ޕަސެންޓުން 6.9 ޕަސެންޓަށް ކުރިއަރާފައިކަމަށާއި، މިއީ 2016 ވަނަ އަހަރަށްވުރެ މަތީ އަދަދެއް ކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވި ވަމުން އަންނަ ކަމުގެ ނިޝާނެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

2017 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވަކީ، 586.2 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، މި ޢަދަދު 2018 ވަނަ އަހަރު ގާތްގަނޑަކަށް 600 މިލިއަނަށްވުރެ މައްޗަށް އިތުރުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

"2017 ވަނަ އަހަރު ޤައުމުގެ އިޤްތިޞާދީ ދުވެލި ވަނީ 6.2 ޕަސެންޓުން 6.9 ޕަސެންޓަށް ކުރިއަރާފައި. މިއީ 2016 ވަނަ އަހަރަށްވުރެ މަތީ އަދަދެއް ކަމަށްވާއިރު، މިއީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވި ވަމުން އަންނަ ކަމުގެ ނިޝާނެއް. ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް، ބޮލަކަށްޖެހޭ މިންވަރު 2017 ވަނަ އަހަރު ހުރީ އެމެރިކާ ޑޮލަރު 9,671 ގައި. 2017 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވްގައި ހުރީ 586.2 މިލިއަން އެމެރިކާ ޑޮލަރު ކަމަށްވާއިރު، މި އަދަދު 2018 ވަނަ އަހަރު ގާތްގަނޑަކަށް 600 މިލިއަނަށްވުރެ މައްޗަށް އިތުރުވެގެންދާނެ.

ރާއްޖޭގެ އިޤްތިޞާދަށް ލިބިފައިވާ ކުރިއެރުމާއެކު، މާތްﷲގެ އިރާދަފުޅުން ދައުލަތުގެ އާމްދަނީ އަހަރުން އަހަރަށް މިދަނީ އިތުރުވަމުން. މިގޮތުން، 2018 ވަނަ އަހަރު ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ." ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ވިޔަފާރީގެ ފުރުޞަތުތައް ފަހިކުރުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވިކަން 2018 ވަނަ އަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ  ފާހަގަކުރައްވާފައެވެ. އަދި އޭގެ ނަތީޖާ ފެންނަމުނަދާކަމުގައި ވިދާޅުވިއެވެ.  މީގެ އިތުރުން ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނުވަނީ އަލިއަޅުއްވާފައެވެ.

"ދިވެހިރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި މިހާރު ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމަކީ، ދުނިޔޭގެ އެންމެބޮޑު އެއް މާކެޓަށް ދިވެހި އުފެއްދުންތައް ޑިއުޓީ ނެގުމެއްނެތި އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ފަހިކުރެވޭނެ ގޮތުގެ މަތިން އެއްބަސްވެފައިވާ އެއްބަސްވުމެއް. ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި 1.6 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރާގޮތަށް ފަތުރުވެރިކަމުގެ ދާއިރާއިން 40 ފޮރިން އިންވެސްޓްމަންޓެއް ވަނީ 2017 ވަނަ އަހަރު ރަޖިސްޓަރީ ކޮށްދެވިފައި. އަދި ފަތުރުވެރިކަމުގެ ޞިނާޢަތް ފިޔަވައި، އެހެން ޞިނާޢަތްތަކުން 1.8 ބިލިއަން އެމެރިކާ ޑޮލަރު، ކުރިއަށް އޮތް 5 އަހަރު އިންވެސްޓް ކުރާގޮތަށް 50 އިންވެސްޓްމަންޓެއް ރަޖިސްޓްރީ ކޮށްދެވިފައިވާކަންވެސް އުފަލާއެކު ފާހަގަކުރަން." 

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ސަރުކާރުން ބޭރުގެ މާލީ އިދާރާތަކާއެކު، ބަދަހިކަމާއެކު ގުޅުން ދެމެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ޒަމާނުންސުރެ ރާއްޖެއަށް އެހީވަމުންދާ މާލީ އިދާރާތައްކަމުގައިވާ އޭ.ޑީ.ބީ، ވަރލްޑް ބޭންކް އަދި އައި.ޑީ.ބީގެ އިތުރުން، ގިނަ ޤައުމުތަކެއްގެ ”އެކްސްޕޯޓް-އިމްޕޯޓް “އަދި އިންވެސްޓްމަންޓް ބޭންކުތަކާއި، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ފަދަ އިދާރާތަކުގައިވެސް ރާއްޖެއިން ހަރަކާތްތެރިވެ، އެ އިދާރާތަކުން ޤައުމީ ބޮޑެތި މަޝްރޫޢުތަކަށް އެހީ ހޯދުމުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.