ތަރައްްޤީ

ހއ. ހޯރަފުށީ ކައިރީގައި އެއަރޕޯޓެއް އަޅަނީ


ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް އެތެރޭގެ އުނދުހުންތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ހއ. ހޯރަފުށީ ކައިރީގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ 2018 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައެވެ.2018 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދެއްވި 18 މިނެޓްގެ ތާރީހީ ރިޔާސީ ބަޔާނުގައި ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، އެ ދާއިރާއިން ހޯދިފައިވާ ކާމިޔާބީތަކަށް ވަރަށް ތަފްސީލީ ނަޒަރަކުން އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވޭތުވެދިޔަ އަހަރު 8 ޕަސެންޓް އިތުރުވެފައިވާކަމަށާއި، މިދިޔަ އަހަރު ޖުމުލަ 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިއީ ފަތުރުވެރިކަމުގެ ދާއިރާއިން މިދިޔަ އަހަރު ރާއްޖެ ހޯދި ވަރަށްބޮޑު ކުރިއެރުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމަށް އޮތް ޑިމާންޑަށް ބަލައި، ރާއްޖޭގެ އެތެރޭގެ އުނދުހުންތައް ފުޅާކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގެ މަގުން ފަސޭހައިން ދަތުރުކުރެވޭނެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިއަހަރުގެ ތެރޭގައި 4 ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ނިންމާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދީ، ހއ. ހޯރަފުށީ ކައިރީގައި އެއަރޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް، ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގެ މަގުން ފަސޭހައިން ދަތުރުކުރެވޭނެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އިރާދަކުރެއްވިއްޔާ މިއަހަރު ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މާފަރު އަދި ގދ. މާވާރުލުގައި ޑޮމެސްޓިކް އެއަރޕޯޓް ޤާއިމުކޮށް ނިމޭނެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް، ސަރަޙައްދަށް ޓޫރިޒަމް ފުޅާކޮށް، ތަނަވަސްކަން އިތުރުކުރުމުގެ ގޮތުން ހއ. ހޯރަފުށީ ކައިރީގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތްވެސް މިއަހަރު ފެށޭނެ" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.ރައީސް ޔާމީން ވިދާޅުވީ، ފަތުރުވެރިކަން ތަރައްޤީ ކުރުމަށްޓަކައި ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން 24 ރަށެއް މިއަހަރު ހުޅުވިގެންދާނެކަމަށެވެ. އަދި މިއަހަރު އަލަށް ހުޅުވާ 2 ހޮޓަލާއެކު، ފަތުރުވެރިކަމުގެ ބެޑް ކެޕޭސިޓީ 5300 އަށްވުރެ އިތުރުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އިޤްތިޞާދީ އެކިއެކި މަސައްކަތް އިތުރަށް ފުޅާކުރުމާއެކު، ހަތްދިހަ ހަ ހާހަށްވުރެ ގިނަ ވަޒީފާ މި ސަރުކާރުން އުފައްދާފައިވާކަމަށެވެ. އަދި މާލޭ އަތޮޅުގައި 24 ފަޅެއް ތަރައްޤީކުރުމަށް އާއްމު ފަރާތްތަކަށް ދޫކޮށްފައިވާއިރު ސަރުކާރުން ޚަރަދުކޮށްގެން މިއަހަރު 5 ފަޅެއް ހިއްކައި، ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއާއެކު ސާޅިސް ހަތް ހާސް ވަޒީފާގެ ފުރުޞަތު އަލަށް އުފެދިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިހަވަންދިއްޕޮޅުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އައިހެވަން މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީއާއި، މާސްޓަރ ޕްލޭން މިހާރުވަނީ ނިންމާފައި. މާލެއާއި ހުޅުމާލެ އަދި ވިލިނގިލީގެ އާބާދީ ބޮޑުކަމާއެކު، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު އިތުރުކޮށްދިނުމުގެ މަޤްޞަދުގައި މިހާރު ފެށިފައިވާ މަޝްރޫޢުގެ ދަށުން މާލެއަތޮޅުގައި 27 ފަޅެއް ތަރައްޤީ ކުރުމަށްޓަކައި މިހާރުވަނީ ޢާންމު ފަރާތްތަކަށް ދޫކުރެވިފައި. މީގެއިތުރުން، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިއަހަރު 5 ފަޅެއް ހިއްކައި، ޓޫރިޒަމް ތަރައްޤީ ކުރުމަށް ދޫކުރުމަށްވަނީ ހަމަޖެހިފައި. މި ދެންނެވި ފަޅުތައް ތަރައްޤީކޮށް ނިމުމުން، 47,000 އާ ވަޒީފާ، އިރާދަކުރެއްވިއްޔާ އުފެދިގެންދާނެ. މި ފަޅުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ ގެނެސް، ދައުލަތުގެ ފުދުންތެރިކަން އިތުރުކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. އެގޮތުން މިހިނގާ 2018 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން މިހާރު ކުރިއަށްގެންދާ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް ނިމިގެންދާނެކަން ފާހަގަކޮށްލަންޖެހެއެވެ. މީގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ރަންވޭގެ މަސައްކަތާއި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ރާއްޖޭގައި 25 ބުރިއަށް އިމާރާތްކުރާ ފުރަތަމަ އިމާރާތްކަމުގައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ އިތުރުން، ހުޅުމާލޭއާއި ރާއްޖޭގެ އެކި ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިމެނެއެވެ. މިއާއެކު ދިވެހިންގެ ފުދުންތެރިކަން އިތުރުވެ، ދިވެހިންނަކީ އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުންވެސް ބާރުވެރި ބަޔަކަށް ވެގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.