ސަޢޫދީ ފަންޑު މެދުވެރިކޮށް ރާއްޖެއަށް ދިން 160 މިލިއަން ޑޮލަރުގެ އެހީގެ ތެރެއިން ބޮޑު ބައެއް ހޭދަކުރައްވާނީ މަސްވެރިކަމުގެ ދާއިރާ ތަރައްޤީއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވާދެއްވަމުން ދެއްވި 18 މިނެޓް އުއްމީދީ ރިޔާސީ ބަޔާނުގައި ރައީސް ޔާމީންވަނީ މަސްވެރިންނާއި ދަނޑުވެރިންނަށް އުފާވެރި ހަބަރުތަކެއް ދެއްވާފައެވެ.
2018 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވާދެއްވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދެއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ދިވެހި މަސްވެރިންނާއި ދަނޑުވެރިންގެ އުއްމީދުތަކާއި ގުޅިފައިވާ އުފާވެރި އެތައް ހަބަރުތަކެއް ދެއްވާފައެވެ. އެގޮތުން ސަޢޫދީ ސަރުކާރާއި އެކުވެރި ޢަރަބި ޢިމާރާތުން ސަޢޫދީ ފަންޑު މެދުވެރިކޮށް ރާއްޖެއަށް ދިން 160 މިލިއަން ޑޮލަރުގެ އެހީގެ ތެރެއިން ބޮޑު ބައެއް މަސްވެރިކަމުގެ ދާއިރާ ތަރައްޤީއަށް ހޭދަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަސްވެރިންނަށާއި މަސްވެރިކަންކުރާ އުޅަނދުފަހަރަށް ސީދާ މަންފާ ލިބޭގޮތަށް މި އެހީގެ ބޭނުން ކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތްތަކެއް ފަށްޓަވާފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން މަސްވެރިކަމުގެ އުޅަނދުގައި ހަރުކުރަންޖެހޭ ވެސަލް ލޮކޭޓިންގ ޑިވައިސް“ މަސްވެރިންނަށް ހިލޭ ދިނުމަށް ސަރުކާރުން ނިންމަވފައިވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
"ސަޢޫދީ ސަރުކާރާއި އެކުވެރި ޢަރަބި ޢިމާރާތުގެ ސަރުކާރުން ސަޢޫދީ ފަންޑު މެދުވެރިކޮށް ރާއްޖެއަށް ހަމަޖައްސަވައިދެއްވި ކަމަށް ކުރިން ދެންނެވި 160 މިލިއަން ޑޮލަރުގެ އެހީގެ ތެރެއިން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށްޓަކައި ބޮޑު ހޭދައެއް ކުރާގޮތަށް ސަރުކާރުން މިހާރުވަނީ ހަމަޖައްސާފައި. މަސްވެރިކަމުގެ ޞިނާޢަތް، އެއްބާވަތެއްގެ މަސްވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން، މެރިކަލްޗަރގެ ވިޔަފާރީގެ ޞިނާޢަތެއް ޤާއިމުކުރުމަށްޓަކައި ބޮޑެތި މަޝްރޫޢުތަކެއް ވަނީ ފަށާފައި. މިގޮތުން އެން އުފެއްދުމަށްޓަކައި 11 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު މަޝްރޫޢެއް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ފަށާފައި. މަސްވެރި އުޅަނދުފަހަރުގައި ހަރުކުރަންޖެހޭ ”ވެސަލް ލޮކޭޓިންގ ޑިވައިސް“، ބޮޑު ޚަރަދެއް ކޮށްގެން އުޅަނދުގައި ހަރުކުރަންޖެހުމަކީ، މަސްވެރިންގެ ވަރަށް ބޮޑު ޝަކުވާއަކަށް ވެފައި އޮތުމާއެކީ، މި ޔުނިޓް، މަސްވެރިންނަށް ހިލޭ ފޯރުކޮށްދިނުމަށްވެސް މިހާރު ވަނީ ހަމަޖައްސާފައި" ރައީސް ޔާމީން ވިދާޅުވިއެވެ.
މަސްވެރިކަމުގެ ޞިނާޢަތުގެ ޢުމްރާނީ ތަރައްޤީއަށް އަމާޒުކޮށްގެން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުރިހާ އަތޮޅެއްގައި އައިސްޕްލާންޓް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ. މީގެ އިތުރުން މަސްވެރިކަމަށް މަޝްހޫރު އަތޮޅުތަކުގައި މި ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި އިތުރު އައިސްޕްލާންޓް ޤާއިމުކޮށް މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވެފއިވާ ދަތިކަން ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޒުވާން މަސްވެރިންނާއި އޮޑިވެރިން އުފެއްދުމަށާއި މަސްވެރިކަމުގެ ޞިނާޢަތުގައި ޒުވާނުންގެ ޙިއްޞާ އިތުރުކުރުމަށް 58 ފަރާތަކަށް ލޯނު ދޫކުރެވިފައިވާކަމަށާއި، އަތޮޅުތެރޭގައި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށްޓަކައި ހުއިފިލަނޑާ އާލާކޮށް ބޮޑު ކުރުމުގެ މަސައްކަތަށް 115 ފަރާތަކަށް ލޯނުދޫކޮށް ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދީފައިވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން،ވެސް މިދިޔަ ދުވަސްތަކުގައި މުހިންމު ނިންމުންތަކެއް ނިންމާ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. ދަނޑުވެރިކަމުގެ ބައެއް ބާވަތްތައް ރާއްޖެއަށް އިންޕޯޓްކުރާ މިންވަރު މަދުކުރުމަށް ހިންގާ ޕްރޮގްރާމް ފުޅާކުރުމުގެ ގޮތުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އިތުރު 6 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
" ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، ދަނޑުވެރިކަމުން ރާއްޖެއަށް އިމްޕޯޓް ކުރެވޭ ތަކެތި މަދުކުރުމަށްޓަކައި، ދަނޑުވެރިކަމުގެ 5 ބާވަތެއް ރާއްޖޭގައި އުފައްދައި، މި ބާވަތްތައް އިމްޕޯޓްކުރާ މިންވަރު މަދުކުރުމުގެ ޕްރޮގްރާމެއް މިދިޔަ އަހަރު ވަނީ ފަށާފައި. މި 5 ބާވަތް އިމްޕޯޓް ކުރަމުންގެންދާ މިންވަރުން އިރާދަކުރެއްވިއްޔާ %25 ދަށްކުރެވޭނެ. މިގޮތުން، 1866 ޓަނުގެ ތަރުކާރީއާއި މޭވާ، މިދަނޑުތަކުން ރާއްޖޭގެ ބާޒާރަށް ނެރެވޭނެ ކަމަށް އަންދާޒާ ކުރެވޭ. މި އަހަރު މި ޕްރޮގްރާމު ފުޅާކުރުމުގެ ގޮތުން، ދަނޑުވެރިކަން ކުރާ އިތުރު ފަރާތްތަކަށް 6 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު މިދަނީ ވަމުން." ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވިއެވެ.
މި އަހަރަށް ރައްޔިތުން މަޖިލިސް ހުޅުއްވާދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދެއްވި 18 މިނެޓް އުއްމީދީ ރިޔާސީ ބަޔާނުގައިވަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް ޤައުމުގެ އިޤްތިސާދު ކުރިއެރުވުމަށް ސަރުކާރުން ވޭތުވެދިޔަ ހަތަރު އަހަރު ކުރެއްވި މަސައްކަތްތައް މިހިނގާ 2018 ވަނަ އަހަރުވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ވަނީ ފާހަގަކުރައްވާފައެވެ.