ޚަބަރު

ޤާނޫނުއަސާސީ އެކުލަވާލާފައި އޮތް ގޮތުން މައްސަލަތަކެއް ކުރިމަތިވޭ


ރާއްޖޭގެ ޤާނޫނުއަސާސީ އެކުލަވާލެވިފައި އޮތީ ދުސްތޫރީ ނިޒާމް ހުއްޓުމަކަށް އަންނާނެފަދަ ގޮތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ އަދާދެރަނަ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ އާޒިމާ ޝަކުރޫ ވިދާޅުވީ، ރާއްޖެއަކީ ޅަފަތުގައި އޮތް ޑިމޮކްރަސީއަކަށްވާއިރު، މިހާތަނަށް އައިއިރު ޤާނޫނުއަސާސީ ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. އެގޮތުން ޤާނޫނުއަސާސީ އެކުލަވާލެވިފައި އޮތީ ދުސްތޫރީ ނިޒާމް ހުއްޓުމަކަށް އަންނާނެފަދަ ގޮތަކަށްކަމަށް ބޭރުގެ ޤާނޫނީ މާހިރުންވެސް ފާހަގަކުރައްވާކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި އެކަންކަމަށް ރިޔާޢަތްކޮށް، ކަންތައްތައް އިސްލާޙުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަން އާޒިމާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިފަދަ ކަންކަމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޑިމޮކްރަސީތަކާ ރާއްޖެއާ އަޅާކިއުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާގެ ވާހަކަފުޅުގައި ރާއްޖޭގެ ސިޔާސީ މަސްޜަހުގައި ޖެހިގެން އުޅޭ މައްސަލައަށް ވީ އެންމެ އަވަހަކަށް ހައްލެއް ގެނައުމަކީ ސަރުކާރުގެ އަމާޒުކަމަށް ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭގޮތުން ދަޢުލަތުގެ ކަމާބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކުރަމުންދާކަމަށް އާޒިމާ ވިދާޅުވިއެވެ.

ސްރީލަންކާގެ އަދާދެރަނަ ޓީވީން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި މިނިސްޓަރ އާޒިމާގެ އިތުރުން، ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީގެ ޕްރޮފެސަރ އޮފް ލޯ، ޔޫޖިން ޓަންއާއި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް،އޭއޯސިސްގެ ކުރީގެ ޗެއަރމަން ރޮބަޓް ވެން ލިއާޕްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕްރޮފެސަރ ޔޫގިން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ދުސްތޫރީ ނިޒާމް އޮތްގޮތުން މައްސަލަތަކެއް އުފެދެމުން އަންނަކަން ފާހަގަކުރެއްވިއެވެ. މިގޮތުން ރިޔާސީ ނިޒާމެއް ރާއްޖޭގައި ހިނގި ނަމަވެސް، މަޖިލީހުން ވެރިކަމުގެ ބާރުން ހިންގާ ކަންކަމަށް ހުރަސް އަޅަން މަސައްކަތްކުރާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ އުނދަގޫ މަރުހަލާއެއްކަމާއި ނަމަވެސް ކަމާބެހޭ ފަރާތްތަކުން މަޝްވަރާކޮށްގެން އެކަން ހައްލުކުރެވޭނެކަން ސިންގަޕޫރުގެ ޤާނޫނީ މާހިރު ވިދާޅުވިއެވެ.

އޭއޯސިސްގެ ކުރީގެ ޗެއަރމަން ރޮބަޓް ވެން ލިއާޕް ދެއްކެވި ވާހަކަފުޅުގައި ކޮންމެ ޤައުމެއްގައިވެސް ދުސްތޫރީ މައްސަލަތައް ކުރިމަތިވާކަން ފާހަގަކޮށް، އިނގިރޭސިވިލާތާއި ޖަރުމަންވިލާތުގައި ޖެހިގެން އުޅޭ ދުސްތޫރީ މައްސަލަތަކަށް އަލި އަޅުއްވާލެއްވިއެވެ. ނަމަވެސް ރާއްޖެއަށް މިފަދަ މައްސަލައެއް ދިމާވުމުން ބޮޑެތި ޤައުމުތަކުން އަމަލުކުރަނީ އިންސާފުވެރިކޮށް ނޫންކަން ފާހަގަކުރެއްވިއެވެ.