ތަޢުލީމު

އަޙްމަދިއްޔާ ސްކޫލްގެ 36ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި


އަޙުމަދިއްޔާ ސްކޫލުގެ ދަރިވަރުން ކުރަމުދާ މަސައްކަތްތައް ބެލެނިވެރިންނާއި ގާތުން ހިއްސާ ކުރުމުގެ ގޮތުން އެސްކޫލުން ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއް، ތަޢާރަފް ކޮށްފިއެވެ. ޕޭރެންޓް މޮބައިލް އެޕްގެ ނަމުގައި ތައާރަފްކުރި މި އެޕްލިކޭޝަން ތަޢާރަފްކޮށްފައިވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 36ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ އެސެމްބްލީގައެވެ.

އަހަރީ ދުވަހާ ގުޅުވައިގެން އަޙްމަދިއްޔާ ސްކޫލުގައި ބޭއްވި އެސެމްބަލީގައި އިސްލާމީ ޔުނިވަރސިޓީގެ ޗަނސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މި އެސެމްބްލީގައި ދަރިވަރުންނާއި ސްކޫލުގެ މުޢައްޒަފުންނާއި މުޚާތަބުކުރައްވާ މުޙައްމަދު ޝަހީމް ޢަލީ ސަޢީދް ވިދާޅުވީ އަޙްމަދިއްޔާ ސްކޫލަކީ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި ނަމޫނާ ސްކޫލެއްކަމަށެވެ. އަދި އަޙްމަދިއްޔާ ސްކޫލުން ތަޢުލީމް ޙާސިލްކޮށްގެން ނިކުންނަ ދަރިވަރުންނަކީ އަޙްލާގު ރަނގަޅު، މުޖުތަމަޢު ބަލައިގަންނަ ކުދިންތަކެއްކަން ޝަޙީމް ފާހަގަކުރެއްވިއެވެ. ޝަހީމްވަނީ ކޮންމެ ދަރިވަރަކީވެސް މުޖުތަމަޢުއަށް ފައިދާހުރި ކުއްޖަކަށް ވުމަށާއި، މައިންބަފައިން ދަރިންނާމެދު ދެކެމުން އަންނަ ހުވަފެންތައް ހަގީގަތަކަށް ހެދުމަތް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފައެވެ.

އަޙްމަދިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ އަޙްމަދިއްޔާ ސްކޫލަކީ މުޖުތަމަޢުއަށް ފައިދާހުރި ދަރިވަރުންތަކެއް ނެރެމުންއަންނަ ސްކޫލެއްކަމަށެވެ. އެގޮތުން ސްކޫލްގެ ކިޔެވުން ޒަމާނީ ޓެކްނޮލޮޖީއާއިއެކު ބައްޓައްކުރުމަކީ ދަރިވަރުންގެ ފެންވަރު ރަނަގަޅުވުމުގެ އެއް އަސްލުކަމަށެވެ. ރަޝީދް ވިދާޅުވީ ސްކޫލަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަމަށެވެ. ނަމަވެސް ޖާގަ އިތުރުކުރުމަށް އާ އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

އެސެމްބްލީގައިވަނީ ސްކޫލުގެ އިސްމަޤާމުތަކަށް ހޮވުނު ދަރިވަރުންނާއި ސޭޝް ހަވާލުކޮށްފައެވެ. ސޭޝް ހަވާލުކޮށްދެއްވީ އިސްލާމީ ޔުނިވަރސިޓީގެ ޗަނސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މީގެ އިތުރުން އަހަރީ ދުވަސް ފާހަގަކުރުމަށްވަނީ ޚާއްސަ ކޭކެއްވެސް ފަޅާފައެވެ. އަޙްމަދިއްޔާ ސްކޫލުގައި މިހާރު 2600އާއި ގާތްކުރާ ޢަދަދަކަށް ދަރިވަރުން ގެންދަނީ ތަޢުލީމު ހާސިލްކުރަމުންނެވެ.

އެ ސްކޫލުގައި މާދަރީ ބަހުގެ ދުވަސް ފާހާގަކުރުމުގެގޮތުންވެސް ވަނީ ޙާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އަޙްމަދިއްޔާ ސްކޫލްގައި ފުރަތަމަ ފަހަރަށް ތަޢުލީމްދޭން ފަށާފައިވަނީ 1982ވަނަ އަހަރުގައެވެ. މާލޭގެ 6 އަވަށުުގެ ތެރެއިން މައްޗަންގޯޅިއަށް ނިސްބަތްވާ މި ސްކޫލް އުފައްދަވާ ކިޔަވައިދޭންފަށާފައިވަނީ އެ ސްކޫލްގެ ބާނީ ޑީ.އަޙްމަދު ދީދީގެ އިސްނެންގެވުމުގެ މަތިންނެވެ. އަޙްމަދިއްޔާ ސްކޫލް ހުޅުވައި ކިޔަވައިދޭންފެށިއިރު އެ ސްކޫލުގައި ތަޢުލީމްދީފައިވަނީ ދުއިސްއްތައާއި ގާތްކުރާ އަދަދެއްގެ ދަރިވަރުންނަށެވެ.