ކުޅިވަރު

ރެއާލްގެ ކޯޗުގެ މަޤާމްގައި ގިނަ ދުވަހު ހުންނަން ބޭނުން - ޒިދާން


ރެއާލް މެޑްރިޑްގެ ކޯޗުގެ މަޤާމުގައި ވީހާވެސް ގިނަ ދުވަހު މަޑުކުރަން ބޭނުންކަމަށާއި އެކަމަށް ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިދާން ބުނެފިއެވެ.

ޒިދާން ބުނީ އޭނާގެ ކުރިމަގާ ގުޅޭގޮތުން އެއްޗެއް ބުނަން ނޭންގޭ ކަމަށާއި، އެހެންނަމެވެސް ރެއާލްގެ ކޯޗުގެ މަޤާމުގައި މަޑުކުރަން އޭނާ ބޭނުންވާކަމަށެވެ. އަދި ކޯޗުކޮށްދިނުމަށް އުފެދިފައިވާ ޝައުޤުވެރިކަން ހުރިހާ ހިނދަކު އެކަމަށް މަސައްކަތް ކުރާނެކަމަށެވެ. އޭނާއަކީ އަދި ވަރަށް ޒުވާން ކޯޗެއް ކަމަށާއި، މިކަމުގައި އަދި މާގިނަ ދުވަސް ނުވާކަން ފާހަގަކުރަމުން ޒިދާން ބުނީ އަބަދުވެސް މަސައްކަތް ކުރާނީ އިތުރު ކުރިއެރުންތަކެއް ހޯދަން ކަމަށެވެ.

ރެއާލް މެޑްރިޑްގެ ސީޒަން އެހާ ރަނގަޅު ނުވިނަމަވެސް ސީޒަންގައި ކާމިޔާބީއެއް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރަމުން ޒިދާން ބުނީ ސްޕެއިންގެ ލަލީގާގައިވެސް ރިއާލް މަސައްކަތްކުރާނީ ލީގު ތާވަލްގެ ވީހާވެސް މަތިން ލީގު ނިންމާލުމަށް ކަމަށެވެ.

ރޮނާލްޑޯގެ ވާހަކަ ދައްކަމުން ޒިދާން ބުނީ ރޮނާލްޑޯ އެންމެ މަތީ ފަންތީގައި ރަނގަޅު ރެސްޓެއް ނުލިބި ކުޅެމުންދާތާ ގިނަ އަހަރުތަކެއް ވެއްޖެ ކަމަށާއި، ކޮންމެ ކުޅުންތެރިއެއްގެވެސް ކެރިއަރުގެ ވަކި ހިސާބަކުން ހުރިހާ މެޗުތަކެއް ކުޅުމުގެ ބަދަލުގައި ކުޑަ ރެސްޓެއް ނެގުމަކީ އެކުޅުންތެރިއާއަށާއި، ޓީމަށްވެސް އޭގެ ރަނގަޅު އަސަރު ކުރާނެ ކަމެއްކަމަށެވެ.

ލީގު ހޯދުމުގެ އުއްމީދު ގެއްލި ކޮޕަޑެލްރޭއިންވެސް ރެއާލް ވަނީ ކަޓާފައެވެ. ނަމަވެސް ޗެމްޕިއަންސްލީގު ދިފާއުކުރުމުގެ ފުރުޞަތު ރެއާލްއަށް އެބައޮތެވެ.